ވިޔަފާރި
ލޯނު ނުދެއްކުމުން މާލޭގެ 2 ގެއެއް ނީލަން ކިޔަނީ
ބީއެމްއެލުން ނީލަމުގައި ވިއްކާލާ މާލޭގެ ދެ ގެ.-- ފޮޓޯ: ބީއެމްއެލް
ގައުމީ ބޭންކު، ބީއެމްއެލްއިން ނަގާފައިވާ ދެ ލޯނަކަށް ފައިސާ ނުދައްކައިގެން، މާލޭގެ ދެ ގެއެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން މިއަދު އިއުލާންކޮށްފި އެވެ.

ބީއެމްއެލް އިން ވަކިވަކިން ނެރުނު ދެ އިއުލާނެއްގައި ބުނީ، އެ ބޭންކުން ނަގާފައިވާ ދެ ލޯނަކަށް ފައިސާ ނުދައްކައިގެން، މާލޭގެ ދެ ގެއެއް ނީލަމުގައި ވިއްކާލަން ނިންމާފައިވާ ކަމަށެވެ. ނީލަމުގައި ވިއްކާލަން ނިންމާފައިވަނީ ސަންފްރަންޓް ލައިޓްޝޮޕްގެ ގޯޅިތެރޭގައި ހުންނަ މ. ނާއިންފަރުއާގެ އާއި ބިސްބުރު ކައިރީގައި ހުންނަ މ. ބީޗްކޯނާ އެވެ.

ނާއިންފަރުއާގެ އަކީ 792 އަކަފޫޓުގެ ގެއެކެވެ. ނީލަމުގައި އެ ގެ ވިއްކާލުމުގެ ނީލަން ފެށޭ އަގަކީ 13 މިލިއަން ރުފިޔާ އެވެ. އެ ގެ ގަންނަން ނީލަން ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ މަހު 10 އަށެވެ.

ވިއްކާލަން ދެން އިއުލާންކޮށްފައިވާ ބީޗް ކޯނާ އަކީ 927.33 އަކަފޫޓުގެ ގެއެކެވެ. އެ ގެ ވިއްކާލަން ނީލަން ފެށޭ އެންމެ ދަށް އަގަކީ 23.8 މިލިއަން ރުފިޔާ އެވެ. އެ ގެއަށް ގަތުމަށް އަގު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެވެ.

ނީލަން ނިންމާލަނީ އެންމެ މަތީ އަގު އިއުލާން ކުރެވޭ އަގަށް ބަދަލެއް ނައިސް، އިއުލާން ކުރެވޭ ތާރީހުން ފެށިގެން ފަސް ދުވަސް ވަންދެން އެއް އަގެއްގައި އޮތުމުންނެވެ.


މުއްދަތު ހަމަވާ ތާރީހާއާ ހަމައަށް އަގު ހުށަހަޅާ މީހުންގެ ތެރެއިން، އެ ވަގުތު އެތަނަށް ހާޒިރުވެ ތިބި މީހުންގެ ހާޒިރުގައި ނީލަން ހުޅުވައި، އެންމެ މަތީ އަގު އިއުލާން ކުރެވޭނެ ކަމަށް ވެސް ބީއެމްއެލުން ބުންޏެވެ.

އެ ދެ ގެއާ ގުޅޭ އިތުރު މައުލޫމާތު https://www.bankofmaldives.com.mv/news-and-media/auctions ލިންކުން ލިބޭނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު