ޚަބަރު
ހިލޭ ފަސްލައްކަ ރުފިޔާ ލިބޭ ބީއެމްއެލް ސްޓާޓަޕް ގްރާންޓަށް ހުޅުވާލައިފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި އަހަރުގެ "ބީއެމްއެލް ސްޓާޓަޕް ގްރާންޓް" އަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބީއެމްއެލް ސްޓާޓަޕް ގްރާންޓަކީ އުފެދެމުން އަންނަ ވިޔަފާރިތަކަށް އަމާޒުކޮށް ރާއްޖޭގައި އަލަށް ވިޔަފާރި އެއް ފެށުމަށް ނުވަތަ ހިންގަމުންދާ ވިޔަފާރިއެއް ކުރިއެރުވުމަށް ދޫކުރާ ހިލޭ އެހީ އެކެވެ.

ބީއެމްއެލްއިން ބުނީ ސްޓާޓަޕް ގްރާންޓަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތަކުން ދެ ވިޔަފާރިއެއް ހޮވައި، އޭގެ ތެރެއިން ކޮންމެ ވިޔަފާރިއަކަށް 500،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފާ ކަމަށެވެ. މީގެ އިތުރުން އެ ވިޔަފާރިތަކުން ހުށަހަޅާ ޕްލޭންއާއި އެއްގޮތަށް ކާމިޔާބު ކަމާއެކު ވިޔަފާރި ފަށައި، ހިންގުމަށް ބޭނުންވާ ފައިނޭންޝަލް އެޑްވައިސް ބޭންކުން ފޯރުކޮށްދޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އަމިއްލަ ފަރުދުންނާއި އަލަށް ރަޖިސްޓްރީކޮށް ހިންގަމުންދާ ކޮންމެ ވިޔަފާރިއަކަށްވެސް މި ގްރާންޓަށް އެދި ހުށަހެޅޭނެ އެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އެކްޓިން ސީއީއޯ ޢާއިޝަތު ނޫރައްދީން ވިދާޅުވީ ވިޔަފާރިތައް ބާރުވެރިކުރުވުމަކީ އިޤްތިޞާދެއް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރުމަށް ނުހަނު ބޭނުންތެރިކަމެއް ކަމަށާއި މި ގްރާންޓް ޕްރޮގްރާމުން ދައްކައިދެނީ ވިޔަފާރީގެ ރޫހު އާލާކުރުމަށާއި ރާއްޖޭގެ ހުނަރުވެރި ވިޔަފާރިވެރިން އުފެއްދުމަށް ބޭންކުން ކުރަމުންދާ މަސައްކަތް ކަމަށެވެ.

އަދި ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، އެ ފަރާތްތަކުގެ އުންމީދުތަކަކީ އިގްތިޞާދަށް ފައިދާކުރާ އަދި އެހެންމެ ކާމިޔާބު ވިޔަފާރިތަކަކަށް ހެދުމަށްޓަކައި ބީއެމްއެލް ސްޓާޓްއަޕް ގްރާންޓް ތިންވަނަ އަހަރެއްގައިވެސް ހިންގޭކަމީ ލިބޭ ފަހުރެއް ކަމަށްވެސް ވިދާޅުވި އެވެ.

ސްޓާޓަޕް ގްރާންޓަށް ހުށަހެޅުމުގެ ސުންގަޑިއަކީ އޮކްޓޫބަރު 17 ވަނަ ދުވަހުގެ ރޭ 12:00 އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު