ޚަބަރު
އިންޑިއާ ދަތުރު ދިވެހިރާއްޖެއަށް ވަރަށް ކާމިޔާބު: ރައީސް
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ ދިވެހިރާއްޖެއަށް ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެ އެވެ. 

ރައީސް މިހެން ވިދާޅުވީ، މި ދަތުރުފުޅު ނިންމަވައިލެއްވުމުގެ ކުރީން، އިންޑިއާގައި ހުންނަވާ ދިވެހިރާއްޖޭގެ ގައުމީ މީޑިޔާ (ޕީއެސްއެމް)އަށް ދެއްވި ބަސްދީގަތުމެއްގަ އެވެ.

މި ދަތުރުފުޅާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނަށް ދަޢުވަތު ދެއްވީތީ އުފާކުރައްވާކަމަށާއި އަދި އެކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރަށް ޝުކުރު އަދާކުރައްވާކަމުގަ އެވެ. މީގެ އިތުރުން ދެޤައުމުގެ އެކުވެރި ގާތްގުޅުމުގެ ތެރެއިން ކަންކަން ފަހިވެގެންދާނީ ދިވެހިރާއްޖެއަށް އަދި ދިވެހިންނަށް ހެވާއިލާބަ ލިބޭގޮތަށްކަން ފާހަގަކުރައްވައި ކުރިޔަށް އޮތް ތަނުގައި ދެޤައުމުގެ ގުޅުމުގެ ތެރެއިން ރަނގަޅު ކަންތައްތަކެއް ހަމަޖެހިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

"މިދަތުރަކީ ދިވެހިރާއްޖެއަށް ވަރަށް ކާމިޔާބު ދަތުރެއް. އަދި އަޅުގަނޑުމެންގެ ސަރަހައްދަށްވެސް އިރާދަކުރެއްވީތީ ވަރަށް ރަނގަޅު ދަތުރެއް. ވަރަށް އުފާކުރަން އަޅުގަނޑަށް މި ދައުވަތު ދެއްވިކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރަށް. އަދި މިދަތުރުގައި އާދެވި މިކަމުގައި ބައިވެރިވެވި ބައްދަލުކުރެއްވުންތަކަށްވެސް އަޅުގަނޑު ޝުކުރު އަދާކުރަން." ރައީސް ވިދާޅުވި އެވެ.

ރައީސް އިންޑިއާއަށް ވަޑައިގެންނެވީ އިންޑިއާގެ ބޮޑުވަޒީރާއި އިންޑިއާ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓަރސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު އެމަނިކުފާނަށް އެރުވި ދައުވަތަކަށެވެ.

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ސިފައިން ފޮނުވައިލުމަށް މި ސަރުކާރުން ނިންމުމުން ދެ ގައުމުގެ ގުޅުން ގޯސްވި ނަމަވެސް މިހާރު ވަނީ ގުޅުން ވަރަށް ބޮޑަށް ރަނގަޅު ކޮށްފަ އެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު