ޚަބަރު
ރާއްޖެއިން ފަލަސްތީނަށް ދޭ އެހީ 5000 އިން 50000 އަށް ބޮޑުކޮށްފި
ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ޕީއެސްއެމުން މިއަދު ކުރިއަށް ގެންދާ ޓެލެތޯންގެތެރެއިން
ފަލަސްތީނަށް އެހީވާ އދ. ގެ ފަންޑަށް ރާއްޖެ އިން ދޭ އެހީ 50،000 ޑޮލަރަށް އިތުރު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދައުލަތުގެ މީޑިއާ މެދުވެރިކޮށް މިއަދު ގައުމީ ފެންވަރުގެ ޓެލެތޯން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، 1948 ވަނަ އަހަރު އދ. އިން ފާސްކުރި ގަރާރަކުން އުފެދުނު ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކް އެޖެންސީ ފޯ ޕަލަސްތީން ރެފިއުޖީސް (އަންވާ)އަށް ކޮންމެ އަހަރަކު ރާއްޖެއިން ދޭ ރަމްޒީ އެހީއެއްގެ ގޮތުގައި 5000 ޑޮލަރު ހަދިޔާ ކުރާކަމަށެވެ.

"މިދިޔަ އަހަރުގެ ހަތެއް އޮކްޓޯބަރުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރު މި ފަންޑަށް ދައުލަތުގެ ފަރާތުން 50000 ޑޮލަރު، އެއީ ކުރިން ދެމުން އައި އަދަދުގެ 10 ގުނަ ހަދިޔާކުރާގޮތަށް ނިންމަވާފއި" މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.  

މިފައިސާއަކީ ފިނޭންސް މިނސްޓްރީއާ ހަވާލުކޮށް، ފޮރިން މިނސްޓްރީގެ ބެލުމުގެ ދަށުން އަދި "ކޮރޯ މޯލްޑިވްސް އެލްއެލްބީ"ގެ އިންޑިޕެންޑެންޓް އޮޑިޓަރެއްގެ އެހީއާއެކު "އަންރުވާ" އަށް ލިބޭ ފައިސާކަން ޔަގީންކުރައްވަމުން ގެންދަވާ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވި އެވެ.

"އަންރުވާ އަކީ މުޅި އދގައި ނިޒާމެއް ގާއިމުކޮށްފައިވާ ބެސްޓް ޕްރެކްޓިސް އޮފް އޯވަސައިޓް އުސޫލުގެ މައްޗަށް އަމަލު ކުރާ އިދާރާއެއް،" މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވިގޮތުގައި، ޓެލެތޯން އިން ލިބޭ ފައިސާ ހަމައަށް އެ ފަރާތަށް ރައްދު ކުރެވޭތޯ ބެލުމަށްޓަކައި މިނިވަން އޮޑިޓަރެއް ވަނީ ހަމަޖައްސައިފަ އެވެ.

ޕީއެސްއެމް އިން ބުނީ ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށް އޮންލައިންކޮށް ވެސް ފައިސާ ފޮނުވޭނެ ކަމަށެވެ. އެގޮތުން ދިވެހި ފައިސާއިންނަމަ ފައިސާ ޖަމާކުރާނީ 7730000655865 އެކައުންޓަށެވެ. އަދި ޑޮލަރުން ނަމަ، 7730000655866 އެކައުންޓަށެވެ.

މި ޓެލެތޯން ފައްޓަވައިދެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ވަނީ ފައިސާ ޑޮނޭޓް ކުރައްވާފަ އެވެ. އޭގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި އިސްވެރިން ވެސް ވަނީ ޓެނެތޯންގައި ބައިވެރިވެވަޑައިގެން ފައިސާ ޑޮނޭޓް ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު