ޤާނޫނު އިސްލާހުކުރާނީ މައުލޫމާތު ހޯދަން ދަތިނުވާ ގޮތަށް: އުޝާމް
މަރިޔަމް އަނާ
13 ޖޫން 2024 - 19:35
0 comments
އޭޖީ އުޝާމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނު (އާރްޓީއައި) އިސްލާހު ކުރާނީ މައުލޫމާތު ހޯދަން ދަތި ނުވާ ގޮތަށް ކަމަށް އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ވަނީ ހިމަނައިފަ އެވެ.ލެޖިސްލޭޓިވް އެޖެންޑާ އާންމު ކުރުމަށްޓަކައި އެޓާނީ ޖެނެރަލްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުޝާމް ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު އުވާލުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަދި އެ ގާނޫނަށް އިސްލާހު ގެންނަނީ ގާނޫނުގެ މުއްދަތުތަކާއި އިޖްރައާތުތައް ހުރިގޮތުން އެ ގާނޫނު ތަންފީޒު ކުރުމުގައި ބައެއް ދަތިތައް ހުރުމުން ކަމަށާއި އަދި މައުލޫމާތު ހޯދުމަށް ހުރަސް އެޅޭ އެއްވެސް ކަމެއް އެ އިސްލާހުގައި ނުހިމެނޭނެ ކަމަށް އުޝާމް ވިދާޅުވި އެވެ."އަނެއްހެން ބޮޑެތި އިސްލާހުތަކެއް ނޫން. މައުލޫމާތު ހޯދުމަށް ހުރަސްއެޅޭ ކަހަލަ އިސްލާހެއް އަޅުގަނޑުމެން އެ ގާނޫނަކަށް ގެންނަން ގަސްތެއް ނުކުރަން،" އުޝާމް ވިދާޅުވި އެވެ.އުޝާމް ވިދާޅުވި ގޮތުގައި އެ ޤާނޫނު ތަންފީޒު ކުރުމުގައި އިންފޮމޭޝަން ކޮމިޝަނަރަށް ވެސް ދަތިތަކެއް އެބަހުއްޓެވެ.އެހެންކަމުން އެ ދަތިތަކަށް ހައްލެއް ގެންނަންޖެހޭކަން ފާހަގަކުރައްވަމުން އުޝާމް ވިދާޅުވީ އެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެންނާނީ އިންފޮމޭޝަން ކޮމިޝަނަރާއި ވެސް މަޝްވަރާ ކުރުމަށްފަހު މައުލޫމާތު ހޯދަން ދަތިނުވާނެ ގޮތަކަށް ކަމަށެވެ.މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު އިސްލާހުކުރަން ސަރުކާރުން ނިންމީ އިންފޮމޭޝަން ކޮމިޝަން (އައިކޮމް)ގެ އަޑުއެހުންތަކަށް ރައީސް އޮފީހުން ހާޒިރު ނުވާ މައްސަލައިގައި އިންފޮމޭޝަން ކޮމިޝަނަރު އަހްމަދު އާހިދު ރަޝީދު ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ.
ކިޔުންތެރިންގެ ޝުއޫރު