ވިޔަފާރި
އެސްޓީއޯ ހިއްސާއަކަށް 80 ރުފިޔާ ބަހަން ހުށަހަޅަނީ
އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާދާރުންނަށް ހިއްސާއަކަށް 80ރ.ގެ މަގުން ބަހަން ހުށަހެޅުމަށް އެ ކުންފުނީގެ ބޯޑުން ފާސްކޮށްފި އެވެ.

އެސްޓީއޯއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މި އަދަދަކީ 17 އަހަރު ތެރޭގައި އެ ކުންފުނިން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް ބަހާ އެންމެ ބޮޑު އަދަދު ކަމަށެވެ. 

ފާއިތުވި އަހަރު އެސްޓީއޯއަށް 16.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. ހިންގުމުގެ ހަރަދުތައް ނުހިމަނައި ފައިދާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބުނުއިރު، ސާފު ފައިދާގެ ގޮތުގައި 819 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެލައިޑް އިންޝުއަރެންސްގެ ހިސާބުތައް ނިންމުމުގައި ލަސްތަކެއް ދިމާވުމުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ހުއްދައާ އެކުު އެސްޓީއޯގެ ކުންފުނީގެ އަހަރީ ރިޕޯޓް އާންމުކުރުމުގެ މުއްދަތު މި މަހުގެ 15އަށް އަދި އަހަރީ އާންމު ޖަލްސާ ބޭއްވުމުގެ މުއްދަތު އަންނަ މަހުގެ 15އަށް ވަނީ އިތުރުކޮށްފަ އެވެ. މި ދުވަހު 80ރ.ގެ މަގުން ހިއްސާ ބަހަން ހުށަހެޅުމަށް އެ ކުންފުނީގެ ބޯޑުން ފާސްކުރި ނިންމުމަށް އަހަރީ ޖަލްސާގައި ވޯޓަށް އަހާނެ އެވެ.

ކުންފުނީގެ އަހަރީ ރިޕޯޓު އާންމުކޮށް އަހަރީ އާންމު ޖަލްސާއަށް ވަމުން އަންނަ ތައްޔާރީތަކުގެ މައުލޫމާތުދިނުމަށާއި ހިއްސާދާރުންނަށް ހިޔާލުފާޅުކުރުމަށް ފުރުސަތު ދިނުމަށްޓަކައި މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު އެ ކުންފުނިން ހިއްސާދާރުންގެ ނުރަސްމީ ބައްދަލުވުމެއް ވެސް ވަނީ ބާއްވާފަ އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު