ޚަބަރު
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ސިފަކުރެއްވުން އެމްޑީޕީން ކުށްވެރިކޮށްފި
މާލެ ސަރަހައްދުގައި ކުށް ކުރުން ހައްދުން ނެއްޓި އެތައް ބައެއްގެ މުދަލަށް ގެއްލުންވަމުންދަނީ ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުގެ ސަބަބުން ކަމަށް ސިފަވާގޮތަށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ދައްކަވާފައިވާ ވާހަކަތަކަށް އެމްޑީޕީން ރައްދުދީފި އެވެ.

އެ ޕާޓީން މިހެން ބުނެފައި ވަނީ މިދިޔަ ސަރުކާރުން ޖަލުގައި ތިބި ގިނަ އަދަދެއްގެ ކުށްވެރިން ދޫކޮށްލުމުން މުޖުތަމައު ނުރައްކަލަށް ހުށަހެޅި މާލެ ސަރަހައްދުގައި ކުށްތައް ގިނަވެފައިވާ ކަމަށް ފުލުހުން ތަރުޖަމާން އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ފޮލިސް އަހްމަދު ޝިފާން އިއްޔެ ވިދާޅުވުމާއި ގުޅިގެންނެވެ.

އެކަމާއި ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މާލެ ސަރަހައްދުގައި ކުށް ކުރުން ހައްދުން ނެއްޓި އެތައް ބައެއްގެ މުދަލަށް ގެއްލުންވަމުންދަނީ ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުގެ ސަބަބުން ކަމަށް ސިފަވާގޮތަށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ދައްކަވައިފައިވާ ވާހަކަތައް އެމްޑީޕީގެ ފަރާތުން ކުށްވެރި ކުރާކަމަށެވެ. ކުށް ކުރުން އިތުރުވެފައިވަނީ މީގެ 10 މަސް ކުރިން ބަންދުން ދޫކޮށްލި ބައެއްގެ ސަބަބުން ކަމަށް ފުލުހުންގެ ތަރުޖަމާނު ވިދާޅުވެފައިވަނީ އެކަމަށް ބާރުދޭނެ އެއްވެސް ހެއްކެއް، ތަފާސްހިސާބެއް، ދިރާސާއެއް ނުވަތަ ލިޔެކިޔުމެއް ނެތި ސިޔާސީ މަންފާއެއް ހާސިލު ކުރުމުގެ ބޭނުމުގައި ކަމަށް އެމްޑީޕީން ދެކޭކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

"އެކިއެކި ކުށްކުށުގައި ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންގެ ތެރެއިން، ޖަލުގެ އަހުލާގު ރަނގަޅު މީހުނާއި، ރީހެބިލިޓޭޓްކުރުމާއި މަސައްކަތް ދަސްކޮށްދިނުމަށް ޖަލުގައި ހިންގޭ އެކިއެކި ޕްރޮގްރާމްތައް ފުރިހަމަކުރާ ފަރާތްތަކުގެ ތެރެއިން، މުޖުތަމައުއަށް އަނބުރާ ގެނެސް، އަލުން ދިރިއުޅުން ބިނާކުރުމަށް އިތުރު ފުރުސަތެއް ދެވިދާނެފަދަ މީހުން ފާހަގަކޮށް، ދެންނެވުނު ޤާނޫނުގައި ބަޔާންކުރާ ހަމަތަކުގެ މަތީން އެމީހުން މިނިވަންކޮށްފައިވާނެ،" އެމްޑީޕީން ބުންޏެވެ.

އޭގެ އިތުރުން އެ މީހުން މިނިވަންކޮށްފައިވަނީ މިނިވަންކުރާ ދުވަހުން ފެށިގެން އެއް އަހަރުގެ ތެރޭގައި އިތުރު ޖިނާއީ ކުށެއް ނުކުރުމަށް ޝަރުތުކޮށް، އެ މުއްދަތުގައި ޖިނާއީ ކުށެއް ކޮށްފިނަމަ، އިތުރު ހުކުމެއް ކުރުމަކާ ނުލައި އެ މީހަކު އަލުން އަނބުރާ ޖަލަށް ގެންގޮސް، މައާފުކުރެވުނު ހުކުމުގެ ބާކީ ބައި ތަންފީޒުކުރަން ފަށަންޖެހޭ ގޮތަށް ކަނޑައަޅައިފަވާނެ ކަމަށް ބުނެފައިވެ އެވެ.

އެހެންކަމުން މިހާރު އެ ބުނާ 10 މަސް ދުވަސް ކުރީގެ މުއްދަތުގެ ތެރޭގައި ދޫކޮށްފައި ތިބި ބަޔަކު ކުށެއް ކޮށްފިނަމަ، އެ މީހަކު އަނބުރާ ޖަލަށް ލުމުގެ ގާނޫނީ ފުރުސަތު އޮންނާނެ ކަމަށާއި، އެކަން ނުކުރުމުން އެނގެނީ އެއީ އެ ޕާޓީގެ ސަރުކާރުން މިނިވަންކޮށްފައިވާ މީހުން ނޫންކަން ކަމަށް ވެސް ބުންޏެވެ.

އެމްޑީޕީން ބުނީ ކުށް ކުރުން ހުއްޓުވޭނީ ފުރިހަމައަށް ޤާނޫނު ތަންފީޒްކުރުމާއެކު، ސަރުކާރުން ޤާނޫނީ ޒިންމާ އަދާކޮށްގެން ކަމަށެވެ.

އަދި ކަން އެހެން އޮތް އިރު ކުށް ކުރުން ހުއްޓުވުމުގެ ގާނޫނީ ޒިންމާއިން ބަރީއަވުމުގެ ބަދަލުގައި އެ ޒިންމާ އަދާކޮށް، މުޖުތަމައުގެ އަމާންކަމާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެ ޕާޓީން ވަނީ ސަރުކާރަށް ގޮވައިލައިފައެވެ.

 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު