ޚަބަރު
މަސްވެރިންނަށް ފައިސާ ހޯދައި ދޭން މަސައްކަތް ކުރާނަން: އެމްޑީޕީ
މަސްވެރިންނަށް ފައިސާ ނުލިބޭ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތް ކޮށްދޭނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން މިއަދު ބުނެފި އެވެ.

މަސްވެރިން އިހުތިޖާޖުކުރަމުންދަނީ މަސް ކިރުމަށްފަހު ފައިސާ ދިނުމުގައި ލަސްތަކެއް އުޅޭތީއެވެ. އަދި މަސްވެރިންދަނީ ނުދެވި ހުރި ފައިސާ އަވަހަށް ދިނުމަށް ގޮވާލަމުންނެވެ. މިފްކޯއިން ބުނީ ފައިސާ ހަމަޖެއްސުމަށް ސަރުކާރާއި އެކު މަޝްވަރާކޮށްގެން ގޮތެއް ހޯދާނެ ކަމަށެވެ.

މަސްވެރިން ކުރިއަށް ގެންދާ އިހުތިޖާޖުތައް ވީހާވެސް ސުލްހަވެރިކަމާއި އެކު ކުރިއަށް ގެންދިޔުމަށް މިފްކޯއިންވަނީ އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް ކުންފުނީގެ މުދަލާއި މުވައްޒަފުންނަށް ލިބިދާނެ ގެއްލުމަކީ މުޅި ސިނާއަތަށްވެސް ލިބޭނެ ދެރައެއްކަމަށް މިފްކޯއިން ފާހަގަކުރެއެވެ. 

އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިލް ވިދާޅުވީ، އައްޑޫ މަސްވެރިން އެމީހުންގެ ހައްގު ހޯދުމަށް އިހުތިޖާޖު ކުރަމުންދާއިރު ސަރުކާރުން މަސައްކަތް ކުރަނީ ފުލުހުން އަދި ސިފައިން އެތަނަށް ފޮނުވައިގެން މަސްވެރިން އެތަނުން ފޮނުވާލުމަށް ކަމަށެވެ. އެކަން އެގޮތަށް ރޭވިގެން ހިނގާކަމަށް މައުލޫމާތު ލިބޭ ކަމަށް ނާޒިލް ތުހުމަތު ކުރެއްވިއެވެ.

ނާޒިލް ވިދާޅުވީ މިހާރު މަސްވެރިން އާދޭސް ކުރާއިރުވެސް މަސްވެރިކަމުގެ ވަޒީރަށް އެކަމަށް އިޖާބަ ނުދެވޭ ކަމަށާއި މިކަމުގައި ސަރުކާރު ވަރަށް ބޮޑަށް ފަހަތު ފަޔަށް ބުރަވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މަޝްވަރާ އެބަކުރަން އެ މައްސަލާގައި ކުއްލި މައްސަލައެއްތޯ ގަރާރެއްތޯ ހުށަހަޅާނީ. އަދި ވަޒީރު ވެސް މަޖިލީހަށް ހާޒިރު ކުރާނަން،" އޭނާ ވިދާޅުވި އެވެ.

މަސްވެރިންގެ އެކި މައްސަލަތަކާ ގުޅޭ ގޮތުން މީގެ ކުރިން ދެ ފަހަރަކަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވަނީ މަޖިލީހަށް ހާޒިރުވެ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދީފަ އެވެ.

މަޖިލީހުގައި ވެސް މިނިސްޓަރު ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުގެ ވިސްނުމަކީ މަސްވެރިން މަސް ގަންނަތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދިނުމެވެ. އެހެން ނަމަވެސް އެ ވައުދު ފުއްދުމަށްޓަކައި ދައުލަތުގެ މާލީ ހާލަތާއި މިފްކޯގެ ހާލަތު ރަނގަޅު ކުރަން ޖެހޭ ކަމަށް ޝިޔާމް ވިދާޅުވެފައިވެ އެވެ.

މަސްވެރިންނަށް ފައިސާ ދިނުމުގައި ގޮންޖެހުންތަކެއް ކުރިމަތިވީ މި ސަރުކާރުން ވެރިކަމާއި ހަވާލުވީއިރު، މަސްވެރިންނަށް 250 މިލިއަން ރުފިޔާ ނުދީ ހުރުމުންނެވެ. އަދި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު މިފްކޯއަށް ގެއްލުންވާގޮތަށް މަސް ގަންނަ އަގުވަނީ 25 ރުފިޔާއަށް ބޮޑުކޮށްފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދިނުމަށްދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިދިޔަ ހަފްތާތެރޭގައިވެސް މަސްވެރިންނަށް 46 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، ބާކީ އަދި ނުދެވި ގާތްގަނޑަކަށް 45 މިލިއަން ރުފިޔާ އެބަހުރިކަމަށް މަސްވެރިކަމާއި ބެހޭ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މި ސަރުކާރުން ވެރިކަމާއި ހަވާލުވީފަހުން، މިވީ މުއްދަތުގެ ތެރޭގައި މަސްވެރިންނަށް މިހާތަނަށް 881 މިލިއަނަށްވުރެ ގިނަ ރުފިޔާވަނީ ދޫކޮށްފަ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު