ވިޔަފާރި
މާދަމާ އިން ފެށިގެން މަސްގަންނާނީ ބައިނަލްއަގްވާމީ ބާޒާރުގެ އަގަށް
މާދަމާ އިން ފެށިގެން މިފްކޯއިން މަސްވެރިން އަތުން މަސްގަންނަމުން ދާނީ ބައިނަލްއަގްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށް ބެލުމަށް ފަހު ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މިފްކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނިން ބައިނަލްއަގްވާމީ ބާޒާރުގައި މަސް ވިއްކުމަށް ފަހު ލިބޭ އާމްދަނީ އަށް ވުރެ މަސްވެރިންގެ އަތުން ގަންނަ މަހަށް ދައްކަންޖެހޭ ފައިސާ އާއި މަސް ގަނެ ޕްރޮސެސްކޮށް ވިއްކުމަށް ހިނގާ ހަރަދު ބޮޑުތަނުން އިތުރު ކަމަށެވެ. އެކަމަށް ބޭނުންވާ ފައިސާ މިހާތަނަށް ހަމަޖައްސާފައި ވަނީ ލޯނު ނަގައިގެންނާއި ސަރުކާރުގެ އެހީގައި ކަމަށެވެ.

ބައިނަލްއަގުވާމީ ބާޒާރުގައި މިހާރު މަސް ކިލޯއެއްގެ އަގު އުޅެނީ 17-20 ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ.

"މީގެ އިތުރުން، މިފްކޯއަށް ލިބިފައިވާ އާމްދަނީއިން މަސްވެރިން ކިރުވާފައިވާ މަހަށް އިތުރު 389 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. މިގޮތުން ތެލާއި އައިސްއަށް ދީފައިވާ ކުރެޑިޓު ހިމެނޭހެން 831 މިލިއަން ރުފިޔާ މިއަހަރު ވަނީ މަސް ދޯނިފަހަރަށް ދޫކުރެވިފައެވެ." އެ ބަޔާނުގައިވެއެވެ.

އެ ކުންފުނިން ބުނީ، މިފްކޯގެ އެފިޝަންސީ އިތުރުކޮށް، އާމްދަނީ އިތުރުކުރެވޭނެ އިތުރުގޮތް ގޮތް ބަލައި، ޚަރަދުތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތައް ސަރުކާރުގެ ކަމާ ގުޅޭ ވުޒާރާތަކާ ގުޅިގެން އަޅަމުންދާނެ ކަމަށެވެ.

މިފްކޯއިން އެ އިއުލާންކުރީ މިފްކޯއިން މަސް ގަންނަ އަގު މުރާޖާކުރަން ނިންމައިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބުދަ ދުވަހު އިއުލާން ކުރި ފަހުންނެވެ.

"މިއަގު ކޮންމެ ހަފްތާއަކު އާއްމުކޮށް މިފްކޯއިން އިއުލާނު ކުރަމުން ގެންދާނެ އެވެ،"

މީގެ އިތުރުން މިފްކޯގެ އެފިޝަންސީ އިތުރުކޮށް އާމްދަނީ އިތުރުކުރެވޭނެ އިތުރުގޮތް ގޮތް ބަލައި ހަރަދުތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތައް ސަރުކާރުގެ ކަމާއި ގުޅޭ ވުޒާރާތަކާއި ގުޅިގެން އަޅަމުންދާނެ ކަމަށާ މިކަމުގެ ތަފްސީލްތައް މީޑިއާއާއި ގަވާއިދުން ހިއްސާކުރަމުން ދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު