ޚަބަރު
ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު މިއައީ 30 އަހަރަށް ފަހު: އަލީ މޫސާ
ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ - ފޮޓޯ: މަޖިލިސް
ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު ރައްޔިތުންގެ މަޖިލީހަށް މި އައީ މި ފަދަ މުހިއްމު ބިލަކަށް ދުނިޔޭގެ މާލީ އިދާރާތަކުން ލަފާ ދޭތާ 30 އަހަރު ފަހުން ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާ ވިދާޅުވެއްޖެ އެވެ.

ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން އެ ބިލު އިއްޔެ ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ.

ފިސްކަލް ބިލުގެ ބަހުސްގައި ބައިވެރިވެވަޑައިގެން އަލީ ވިދާޅުވީ، ދައުލަތުން ހުށައަޅާފައިވާ ދައުލަތުގެ ދަރަންޏަށް ޒިންމާވާ ބިލަކީ ވަރަށް މުހިއްމު ބިލެއް ކަމަށެވެ.

އަލީ ފާހަގަކުރެއްވި ގޮތުގައި މިބިލުން ދައުލަތުގެ ދަރަންޏަށް ދަރަނި ނަގާ ސަރުކާރު ތަކުން ޒިންމާވުމަށްޓަކައި މުހިއްމު މާއްދާތަކެއް ހިމެނިފައިވެ އެވެ. އެގޮތުން:

  - ދަރަނި ނެގުމާއި ދަރަނީގެ ސްޓްރެޓެޖީތަށް ރޭވުން،

  - ދަރަނި މެނޭޖުކުރުމާއި ދަރަންނަށް ގެރެންޓީ ދިނުން

  - ލޯކަލް ކައުންސިލްތަކުން ދަރަނި ނެގުމުގެ ހުއްދަ ދިނުމާއި އެދަރަންޏަށް ކައުންސިލް ތަކުން ޒިންމާވުން.

 

"އަޅުގަނޑުމެން ވިސްނާލަންޖެހޭ އެންމެ މުހިއްމު ޕޮއިންޓަކީ މިދަރަނި މިބިލު މިއަދު އަޅުގަނޑުމެންނަށް ހުށަހެޅި އިރު މީ ދިވެހި ދައުލަތުގެ ފަރާތުން މިބާވަތުގެ ބިލެއް މަޖީލިހަށް ހުށަހެޅި ފުރަތަމަ ފަހަރު، ކޮބައިތޯ ވޭތުވެދިޔަ ސަރުކާރުތަކުން ކުރި މަސައްކަތް، ދަރަންޏަށް ޒިންމާ ނުވަނީތޯ، ދަރަންޏަށް ޒިންމާވާ ބިލެއް ހުށަހަޅަށް ނުޖެހެނީތޯ" އަލީ ވިދާޅުވި އެވެ.

އަލީ ވިދާޅުވީ މިބިލު ސަރުކާރުން ހުށައެޅުމުން ހާމަ ވެގެން ދަނީ އަދުގެ ސަރުކާރުން ދިވެހިރާއްޖޭގެ މަނިޓަރީ ޕޮލިސީ ރަނގަޅަށް ހިންގުމަށްޓަކައި އިސްކަންދޭ މިންވަރު ކަމަށެވެ. އެކަމަށްޓަކައި އަދުގެ ސަރުކާރަށް އަދި ހާއްސަކޮށް ރައީސް ޑރ.މުއިއްޒު އަށް ފަށްފަށުން ޝުކުރު އަދާކުރަވާ ކަމަށް އަލީ ވިދާޅުވި އެވެ.

އަލީ ފާހަގަކުރެއްވި ގޮތުގައި ދުނިޔޭގެ ތަހުޒީބު ގައުމުތަކުގައި މިޒާތުގެ ބިލްތަށް ހަދާ އެޕްލައި ކުރަމުންދާތާ 250 އަހަރު ވެއްޖެ ކަމަށެވެ.

"އަޅުގަނޑުމެން ގައުމަށް މިބިލް މިއައީ މިއަދު. ދެން ފާހަގަ ކޮށްލަން ޖެހޭ އަނެއް ޕޮއިންޓަކީ ވޯލްޑް ބޭންކާއި، އައިއެމްއެފްއާއި، އޭސިއަން ޑިވެލެޕްމަންޓް ފަންޑާއި ދުނިޔޭގެ ފަންޑިން އެޖެންސީތަކުން މިބިލް ހެދުމަށްޓަކައި ދިވެހި ސަރުކާރަށް ދިވެހި ދައުލަތަށް މަޖުބޫރުކޮށްފަ އޮންނަތާ 30 އަހަރުވެއްޖެ.." އަލީ ވިދާޅުވި އެވެ.

އަލީ ވިދާޅުވީ މިއަދުގެ ސަރުކާރުން މިބިލަށް ދޭ އިސްކަމުން ހާމަވެގެން ދަނީ، ދިވެހި ދައުލަތުން ފިޒިކަލް މަނިޓަރީ ޕޮލިސީ ހަރުދަނާ ކޮށް ހިންގުމަށްޓަކައި ދޭއިސްކަންކަމަށާއި މާލިއްޔަތު ގާނޫނު އިސްލާހުކޮށް ދިވެހި ދައުލަތުގެ ތެރެއަށް ޕްރިންޓް ކުރި ލާރީގެ ސަބަބުން ދިވެހި އިގްތިސާދު މިއަދު ވަނީ ރޫޅި ހަލާކުވެފައި ކަމަށެވެ.

އަދި ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުން 64 ބިލިޔަން ރުފިޔާގެ ދަރަނި ނަގާފަވާ ކަމަށާއި މިދަރަނިތައް ނަގާ ދައުލަތުގެ މާލިއްޔަތު ބޮޑު ފުން ވަޅުގަނޑަކަށް ވައްޓާލާފަވާ ކަމަށެވެ. 

އަޅުގަނޑު ދެކޭގޮތުގައި މިގާނޫނަށް އިތުރު މާއްދާއެއް ގެނެސްގެން ނަމަވެސް ދިވެހިރާއްޖޭގެ މަނިޓަރީޕޮލިސީ ރަނގަޅު ކުރުމަށްޓަކައި ދައުލަތުން އުފައްދާފައިވާ މުއައްސަސާތަކުން (އޮޑިޓަރ ޖެނެރަލް އޮފީހާއި، އޭސީސީ) އެބަޖެހޭ ޒިންމާދާރު މަސައްކަތްތަކެއް ކޮށް މިދަރަނި ދިވެހި ދައުލަތުގެ ބޮލުގަ އެޅުވި މީހުން ޒިންމާދާރު ކުރުވަން ޖެހޭ ކަމަށެވެ. 

އަލީ އިތުރަށް ވިދާޅުވީ ޒިންމާދާރު ކުރުވުމަކީ، މިބޭފުޅުންގެ މައްސަލަތަށް ބެލުން ކަމަށާއި މަޖިލީހަށް ގެނެސްގެން ނަމަވެސް މި މައްސަލަތަށް ބަލަން ޖެހޭ ކަމަށެވެ. 

"މިކަން ނުކޮށްފިނަމަ ދިވެހި ދައުލަތާ ދިވެހި ސަރުކާރާ ހަވާލުވާ ކޮންމެ ސަރުކާރެއް އަޅުގަނޑުމެންނާ އަޅުގަނދުމެންގެ ދަރިންގެ ދަރީން ދަރުވާލާފަ ފިލައިގެންދާ މަންޒަރު އަޅުގަނޑުމެންނަށް ފެންނާނީ. މީ އަޅުގަނޑުމެންނަށް މުސްތަގުބަލްގައި ކަންކަން ކުރަން އޮތް ގޮތެއް ނޫން." މިހެން ވާނަމަ ސަލާމަތުގެ އައްސޭރިއަކަށް ނުދެވޭނެ ކަން ފާހަގަކޮށް އަލީ ވިދާޅުވި އެވެ.

މިފަދަ ގާނާނުތަށް ނެތުމުގެ ނަތީޖާ ހިތިކަން ފާހަގަ ކުރައްވާ އަލީ މިސާލު ޖެއްސެވީ 2009 އަހަރު ވޯލްޑް ބޭންކުން  ދިވެހި ސަރުކާރުން ނެގި ލޯނެއްގެ ވާހަކަ އެވެ.

"500 މިލިޔަން ރުފިޔާގެ ލޯނެއް ނެގީ. އެއީ ދިވެހިރާއްޖޭގެ ކުނި މެނޭޖްކުރުމަށްޓަކާ ނެގުނު ލޯނެއް. އެލޯނަށް ހަރަދު ކޮށްފައިވަނީ ރ.ވަންދޫ ކިޔާ ރަށެއް ބިލްޑްކޮށް އެރަށުގައި ކުނިއަންދާ ނިޒާމެއް ގާއިމްކުރުމަށް. އަދި އަދި ދާންދެންވެސް މިއަދާ ހަމައަށް އައި އިރުވެސް އެ މަސައްކަތް ނުފެށޭ، ދިވެހި ދައުލަތުން އެދަނީ އެ ލޯނަށް ޕޭކުރަމުން މިހާރުވެސް.." އަލީ ވިދާޅުވި އެވެ. 

އަލީގެ ބަހުސް ނިންމަވާ ލައްވަމުން ދެން ވިދާޅުވީ، ސަރުކާރުތަކުން  ޒިންމާދާރު ބަޔަކަށް ވާން ވެއްޖެ ކަމަށެވެ. އެގޮތުން ދިވެހި ދައުލަތް ދަރުވާލި މީހުން މައްސަލަތައް ބަލާ އެމީހުންގެ މައްސަލަތަށް ކޯޓްތަކަށް ފޮނުވައި އެމީހުންނަށް ހައްގު އަދަބު ދޭ ޖެހޭ ކަމަށެވެ. 

"އަޅުގަނޑުމެންގެ ކުރެޑިޓް ރޭޓް ބީޕުލަސްގައި ހުރި އެއްޗައް ސީ މައިނަސް އަށް ވެގެން ދިޔައިރުވެސް އަޅުގަނޑުމެން މި ތިބެނީ ވާހަކަ ދައްކާލަ ދައްކާލާ. މި އަށްވުރެ ޒިންމާދާރު ވާން އެބަޖެހޭ...." ރާއްޖޭން ބޭރުގެ އެކި ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނި ނުދެއްކި ޑީފޯލްޓަކަށް ދިޔުމުގެ ފުރުސަތު މިހާރު ވަރަށް ބޮޑު ކަމަށް ބުނެ ދުނިޔޭގެ އެންމެ އިތުބާރު ހިފޭ ކްރިޑިޓް ރޭޓިން އެޖެންސީ، ފިޗްއިން ރާއްޖޭގެ ރޭޓިން ދަށްކުރުމުން އެކަން ފާހަގަ ކުރައްވާ އަލީ ވިދާޅުވި އެވެ.  

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު