ޚަބަރު
ސިޔާސީ މަގާމުތައް ހާމަ ކުރަން ހުށަހެޅި ކުއްލި މައްސަލަ ބަލައި ނުގަތް
ސިޔާސީ މަގާމްތަކަށް އައްޔަން ކޮށްފައިވާ މީހުންގެ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހަރަދު ކުރާ އަދަދު ހާމަ ނުކުރާތީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރު ކޮށްލައިފި އެވެ.

މިއަދު އެ ގަރާރު ހުށަހެޅީ މަގާމުތަކަށް މީހުން އައްޔަން ކުރުމަށް ގާނޫނުއަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް އޮންނަ ބާރުގެ ދަށުން އެކިއެކި މަގާމުތަކަށް އައްޔަންކޮށްފައިވާ މީހުންގެ އަދަދާއި ސަރުކާރު ކުންފުނިތަކުން މުސާރައިގެ ގޮތު ހޭދަ ކުރަމުންދާ އަދަދު ހާމަ ކުރުމަށް އިންކާރު ކުރަމުންދާ ކަމަށް ބުނެ އެވެ.

"އެއީ ވެރިކަން ހިންގުމުގެ ބާރުގެ ފަރާތުން ކުރާ ކަންކަން ހިނގާ ނުހިނގާ ގޮތް ބެލުމާއި ޖަވާބުދާރީ ކުރުމަށް މަޖިލީހާ ހަވާލު ކޮށްފައިވާ ވާޖިބަށް ހުރަސް އެޅޭ ކަމެއް،" މީކާއިލް ވިދާޅުވި އެވެ.

ނޫސްވެރިންނާއި އާންމުން ވެސް ސިޔާސީ މަގާމްތަކުގެ އަދަދު ހޯދަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެދުން ނަމަވެސް އެ އަދަދު ހާމަ ކުރަން އިންކާރު ކޮށްފައިވާ ކަމަށް މީކާއިލް ވިދާޅުވި އެވެ.


މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް (ފޮޓޯގައި) އަހުމަދު ނަސީމެވެ. އޭނާގެ އެ ގަރާރު ބަލައިގަތުމަށް މިއަދު ވޯޓު ދެއްވީ 11 މެންބަރުންނެވެ. އޭނާގެ އެ ގަރާރާ ދެކޮޅަށް 56 މެންބަރަކު ވޯޓު ދެއްވާފައި ވެއެވެ.

މި ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ގިނަ އަދަދެއްގެ ބަޔަކު އައްޔަންކޮށްފައިވެ އެވެ. ނަމަވެސް އެ އަދަދުތައް ސަރުކާރުން ރަނގަޅަށް ސާފު ކޮށްދީފައެއް ނުވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު