ވިޔަފާރި
މިފްކޯ އަށް 1.6 ބިލިއަން ރުފިޔާގެ ގެއްލުން ވެއްޖެ: ޝިޔާމް
މިފްކޯއަށް މިއަހަރުގެ މިހާތަނަށް ޖުމްލަ 1.6 ބިލިއަން ރުފިޔާގެ ގެއްލުންވެއްޖެ އެވެ.

އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ، ދުނިޔޭގެ މާކެޓުގެ އަގުގައި މިއަދުން ފެށިގެން މިފްކޯ އަށް މަސް ގަންނަން ނިންމީ މިވަގުތު މުޅި ދައުލަތުގެ މާލީ ހާލަތާއި އެ ކުންފުނީގެ މާލީ ހާލަތު ހުރި ގޮތުން ކޮންމެހެން ގެންނަން މަޖުބޫރު ވެގެން ކަމަށެވެ.

މިފްކޯ ގެއްލުމުގައި އަބަދު ހިންގަމުންދާތީ އެ ކުންފުނީގެ ހާލަތު ރަނގަޅު ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިގޮތަށް ގެއްލުމުގައި މިފްކޯ ހިންގާ ކަމަށްވާ ނަމަ މިފްކޯގެ ޑިވެލޮޕްމެންޓަށް ވެސް ކުރެވޭނެ ކަމެއް ނޯވެ. އަޅުގަނޑުމެންނަށް އަޑު އިވެނީ މިފްކޯއެއް ބަދަލެއް ނުވެއޭ، މަސްވެރިންގެ ދޯނިފަހަރު ބަދަލުވެއްޖެއޭ،" ޝިޔާމް ވިދާޅުވި އެވެ.


"މީގެއިތުރުން އެ އަގުގައި މަސް ގަތުމަކީ ޕްރައިވެޓް ކުންފުނިތަކަށް ވެސް އުނދަގޫވާނެ ކަމެއް. މިފްކޯއިން ކަނޑައަޅާ އަގުތަކުގެ ސަބަބުން އެ ކުންފުނިތައް ހިންގުން ވަނީ ގާތްގަނޑަކަށް ހުއްޓިފައި،"

މި ހަފުތާގައި ކަނޑުމަސް ކިލޯއެއް ގަންނަނީ 16ރ.-14ރ. އާ ދެމެދުގެ އަގެއްގަ ކަން މިފްކޯ އިން ވަނީ އިއުލާން ކޮށްފަ އެވެ.

މި ސަރުކާރުން ވަނީ މަހުގެ އަގު 20ރ. ގައި ބެހެއްޓުމަށާއި މަސްވެރިން ކިރާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ލިބޭނެ ގޮތްތަކެއް ފަހިކޮށްދޭން ވައުދުވެފަ އެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި، މަހުގެ އަގު 20ރ. ބޮޑު ކުރެވޭނީ އިގުތިސާދީ ހާލަތު ރަނގަޅުވެ، މިފްކޯއަކީ ވެސް ފައިދާވާ ކުންފުންޏަކަށް ވާ ހިސާބުންނެވެ. މަސް ކިރުވުމަށް ފަހު 48 ގަޑިއިރު ތެރޭ ފައިސާ ލިބޭނެ ގޮތްތައް ފަހި ކުރަން އަދި ދުވަސް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަން ކުރާނީ މަސް ޕްރޮސެސިން ފެކްޓްރީތައް ނިންމައި 80،000 ޓަނުގެ މަސް ޕްރޮސެސް ކުރާ ހިސާބުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު