ޚަބަރު
ސަމޯއާ އެގްރިމެންޓުގައި ސޮއި ކުރީ ދީނާ ހިލާފު މާއްދާތަކަށް ރެޒަވޭޝަން ހުށަހެޅުމަށްފަހު: ސަރުކާރު
އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް) އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ދެމެދު ގާއިމުކޮށްފައިވާ "ސަމޯއާ އެގްރީމަންޓް" ގައި ރާއްޖެއިން ސޮއިކުރީ ދީނާ ހިލާފު އަދި ގާނޫނުއަސާސީއާ ފުށުއަރާ މާއްދާތަކަށް ރިޒަވޭޝަން ހުށަހެޅުމަށްފަހު ކަމަށް ސަރުކާރުން ބުނެފި އެވެ.

އިއްޔެ ސޮއިކުރި ސަމޯއާ އެގްރީމަންޓާއެކު ބައެއް ސިޔާސީ ބޭފުޅުން އަންނަނީ އެ އެގްރިމަންޓުގައި ރާއްޖޭގެ ގާނޫނުތަކާއި އިސްލާމްދީނާ ފުށުއަރައި ކަންކަން ހުރިކަން ފާހަގަކޮށް އެއަށް އަމަލުކުރަން ދެން މަޖުބޫރުވާނެކަަމަށް ބުނެ ބައެއް ވާހަކަތައް ފަތުރައިފައެވެ.


"ޖުމްލަ 12 މާއްދާއަކަށް ޑެކްލަރޭޝަން އަދި ރެޒަވޭޝަން ހުށައަޅާފައިވޭ. އަދި މީގެ ކުރިންވެސް ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކުގައި ސޮއިކޮށްފައިވަނީ މިފަދަ މާއްދާތަކަށް ރެޒަވޭޝަން ހުށައެޅުމަށްފަހު،" ސަރުކާރުގެ ތަރުޖަމާނު ހީނާ ކުރެއްވި ޓްވީޓެއްގައި ދެންމެ ވިދާޅުވި އެވެ.

އެމީހަކު ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަކީ ސަމޯއާ އެގްރިމެންޓުން ވަރަށް ބޮޑަށް ބާރުއަޅާ ކަމެކެވެ. އަދި އެއް ޖިންސުން ގުޅުން ހިންގާ މީހުންގެ "ހައްގުތައް" ހިމާޔަތް ކުރުމާއި އެބޯޝަން ހެދުން ހުއްދަ ކުރަން ވެސް އެ އެގްރިމެންޓުގައި ބާރުއަޅާ ކަމަށް ޖަމިއްޔާތަކުން ބުނެ އެވެ.

އެކަމަކު، އިސްލާމްދީނާއި ރާއްޖޭގެ ގާނޫނު އަސާސީއާ ފުށުއަރާ އެއްވެސް ކަމަކަށް މި ސަރުކާރުން ފުރުސަތު ނުދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ހީނާ ވަނީ އަރުވާފަ އެވެ.

މި އެއްބަސްވުމާއެކު އޯއޭސީޕީއެސްގެ މެންބަރު ގައުމުތަކަށް ޔޫރަޕިއަން ޔޫނިއަންގެ ތެރެއިން ލިބޭ ލުއި ފަސޭހަ އިންތިޒާމުތައް ރާއްޖެއަށް ލިބުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު