ޚަބަރު
ކަމެއް ކާމިޔާބުކުރަން އެދޭނަމަ ގަދައަޅައި މަސައްކަތް ކުރޭ: ރައީސް
ކަމެއް ކާމިޔާބު ކުރަން އެދޭނަމަ އަމިއްލަ ނަފުސަށް އިތުބާރުކުރުމާއެކު ގަދައަޅައި މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީ.އެޗް.އެސް.އީ) އަށް 45 އަހަރު ފުރުން ފާހަގަކުރުމަށް އެ ސެންޓަރުގައި ކުރިއަށް ގެންދިޔަ ހާއްސަ އެސެމްބްލީގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ހުޅުމާލޭގައި ހުންނަ ސީ.އެޗް.އެސް.އީގެ އިމާރާތުގައި ކުރިއަށް ދިޔަ މި ޚާއްޞަ އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މަތީ ސާނަވީ މަރްޙަލާގެ ކިޔެވުމަކީ އުމުރުގައި 2 ވަނަ ފުރުޞަތެއް ލިބޭ ކަމެއް ނޫންކަމުގައި ފާހަގަކުރައްވައި، މި ވަގުތާއި ފުރުޞަތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ. އަދި މަތީ ސާނަވީ ތައުލީމަކީ މުސްތަޤްބަލު ބައްޓަންކުރުމަށާއި، ދާން ބޭނުންވާ މަންޒިލަށް ދިއުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މި އެސެމްބްލީގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅު ފެއްޓެވީ، މީގެ ތިރީހަކަށް އަހަރުކުރީން، 1995 ވަނަ އަހަރުން 1997 ވަނަ އަހަރަށް ސީ.އެޗް.އެސް.ސީގައި (އޭރުގެ އެސް.އީ.ސީ ގައި) މަތީ ސާނަވީއަށް ކިޔަވާ ވިދާޅުވުމަށް އެމަނިކުފާނު ހޭދަކުރެއްވި ދުވަސްތަކުގެ ހަނދާންތައް އައުކުރައްވަމުންނެވެ.

ގިނަ ކުދިން މަތީ ތައުލީމު ހާސިލްކުރުމަށް ވަރަށް ބުރަ މަސައްކަތްކޮށް، ވަރަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭކަން ފާހަގަކުރައްވައި ރައީސުލްޖުމްހުރިއްޔާ ވަނީ މި ސަރުކާރުން އެކަންކަމަށް ހައްލު ހޯދައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި ކިޔަވައިގެން ނުކުންނަ ކުދީންނަށް ޚާއްޞަކޮށް ގެދޮރުވެރިކަމާއި، އާމްދަނީ ހޯދޭނެ ފުރުޞަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މި އެސެމްބްލީގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ޤައުމީ ލޯބި ކޮންމެ ކުއްޖެއްގެ ކިބައިގާވެސް ހުންނަން ވާނެކަމަށެވެ. ކޮންމެ ކުއްޖަކަށްވެސް ޤައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ ވިސްނައި، ޤައުމީ ޚިދުމަތަށް އިސްކަންދިނުމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ބާރުއެޅުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވައިލައްވަމުންވެސް އެމަނިކުފާނު ވަނީ، އުމުރުގެ ކޮންމެ ހިސާބެއްގައިވެސް ކާމިޔާބު ޙާސިލުކުރުމަށް، އަމިއްލަ ނަފުސަށް އިތުބާރުކޮށް، އުންމީދު ކަނޑާނުލައި، ކެތްތެރިކަމާއެކު، ނުގުޑާފަދަ ޢަޒުމެއްގައި، ދާންބޭނުންވާ މަންޒިލަށް ދެވެންދެން ގަދައަޅައި މަސައްކަތްކުރުމަށް ބާރުއަޅުއްވައި ދަރިވަރުންނަށް ދެއްވި ނަސޭހަތް ތަކުރާރުކުރައްވައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު