ޚަބަރު
އައިވީއެފް ފަރުވާ: އާސަންދައިން ހިލޭ ފޯރުކޮށްދޭނެ ފުރަތަމަ 37 މީހުން ކަނޑައަޅައިފި
އާސަންދައިގެ ކައުންޓަރަކުން މީހަކު ހިދުމަތް ހޯދަނީ - ފޮޓޯ/އާސަންދަ
ދަރިމައިވުމުގެ މައްސަލަ ހުންނަ މީހުން ހަދާ އިންވިޓްރޯ ފާޓަލައިޒޭޝަން (އައިވީއެފް)، އަދި އިންޓްރޫޔޫޓްރައިން އިންސިމިނޭޝަން (އައިޔޫއައި) ފަރުވާ، އާސަންދައިން ހިލޭ ފޯރުކޮށްދޭނެ ފުރަތަމަ 37 މީހުން ކަނޑައަޅައި މިއަދު އާންމުކޮށްފި އެވެ. 

އެންސްޕާއިން މިއަދު ނެރުނު އިއުލާންގައި ބުނީ، މުއްދަތު ހަމަވިއިރު އެހީއަށް އެދި 153 މީހުން ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން ކަނޑައެޅި ޝަރުތުހަމަވީ 37 މީހުން ކަމަށާއި ފުރަތަމަ ބުރުގައި އެ މީހުންނަށް އެހީ ހަމަޖެހިފައިވާ ކަމަށް އެންސްޕާއިން ބުންޏެވެ.

ފުރަތަމަ ބުރުގައި އެހީ ހަމަޖެހިފައިވާ މީހުންނަށް މި މަހުގެ 30ގެ ކުރިން ފަރުވާ ކުރިއަށްގެންދާނެގޮތުގެ ޕްލޭން ހިއްސާކުރުމާގުޅޭގޮތުން މައުލޫމާތު ފޯރުކޮށްދޭން ވަނީ ނިންމައިފަ އެވެ.

އަދި މިހާރު ލިޔެކިޔުން ހަމަކޮށް ހުށަހަޅާފައި ނުވާ މީހުންނާއި އަލަށް އެހީއަށް އެދި ހުށަހަޅަން ބޭނުންވާ މީހުންނަށް މި މަހުގެ ނިޔަލަށް ފޯމާއި، ލިޔެކިޔުން ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށްފައިވާ ކަމަށް ވެސް އެންސްޕާއިން ބުންޏެވެ.

އައިވީއެފް ހިދުމަތް ރާއްޖޭގައި މިހާރު ލިބެން ހުރީ އަމިއްލަ ހޮސްޕިޓަލެއް ކަމަށްވާ ޓްރީ ޓޮޕުން އެކަންޏެވެ. މި ހިދުމަތަށް ޓްރީ ޓޮޕުން 46،000ރ. ނަގަ އެވެ.

އެތައް އާއިލާއަކަަށް ދިމާވެފައިވާ ދަރިން ނުލިބުމުގެ ހިތްދަތި މައްސަލައަށް އެހީވުމުގެ ގޮތުން، މި ސަރުކާރުން ވީ ވައުދާ އެއްގޮތަށް އައިވީއެފް އަދި އައިޔޫއައި ހެދުމަށް އެހީއަށް އެދުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މާޗް މަހުގެ 15 ވަނަ ދުވަހު އެވެ.

ގުދުރަތީގޮތުން ދަރިން ނުލިބޭ މީހުންގެ ފަރުވާއަށް އާސަންދަ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލްކުރަން ނިންމާފައިވާ ވައުދެކެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު