ޚަބަރު
އާމްދަނީ ހޯދައިގެން 13 ބިލިއަން ރުފިޔާ އެކި ފަރާތްތަކަށް ދައްކައިފިން: ރައީސް
ރައީސް ޑރ. މުހަންމަދު މުއިއްޒު
ބޭރާއި އެތެރޭގެ ދަރަނި ދައްކަން މިދިޔަ ހަތް މަސް ދުވަސްތެރޭ ގާތްގަނޑަކަށް 13 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު ރައީސްކަން ކުރައްވާ ކޮންގްރެސް ޕާޓީގެ މައި ޖަގަހަ "ޕީއެންސީ ހައުސް" ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު އިއުލާންކުރައްވާފައިވާ އިގުތިޞާދީ އެޖެންޑާގައިވާ ކަންކަން ހާސިލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި، އަދި އެކަމުގެ ހެޔޮ ނަތީޖާވެސް ފެންނަމުންދާކަމަށެވެ. އެގޮތުން މި ސަރުކާރު ހަވާލުވިތާ 7 މަހާއި ދުވަސްކޮޅެއް ވެފައިވާއިރު، ހާސިކުރި އެންމެ ބޮޑު ކާމިޔާބީއަކީ ފައިސާ ޗާޕުކުރުން ހުއްޓާލުންކަމަށެވެ.

"މަޖިލިސް އިންތިހާބެއް ކުރިމަތީގައި އޮތްވާ އެފަދަ ކަމެއް ކުރާނެ ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރޭ. ނަމަވެސް ފައިސާ ޗާޕުނުކުރަން ނިންމި ނިންމުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ވަނީ ވަރަށް ބޮޑަށް ފާހަގަކޮށް، ތައުރީފްކޮށްފައި" ރައީސް ވިދާޅުވި އެވެ. 

މީގެ އިތުރުން ބޭރުގެ އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން 2.7 ބިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ބޭރަށް ދައްކަން ޖެހޭ އެއްވެސް ލޯނެއް ތާރީހަށް ނުދެއްކި ނޯންނާނެ ކަމަށެވެ.

"މިވޭތުވެދިޔަ ހަތް މަސް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާ މި އޮތީ ދައްކާފައި. މި ހަގީގަތް ފޮރުވަން [އިދިކޮޅު] ބޭފުޅުން އެ މަސައްކަތް ކުރައްވަނީ. އަޅުގަނޑުމެން ވާހަކަ ދައްކާނީ ތެދުބަހުން،" ރައީސް ވިދާޅުވި އެވެ.

މިއީ މިދިޔަ ހަތް މަސް ދުވަހު ސަރުކާރުން ހޯއްދި ބޮޑު ކާމިޔާބެއް ކަމުގައި ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު