ޚަބަރު
ރައީސް އަޅުއްވާ ފިޔަވަޅުތަކަށް ޕީއެންސީން މަރުހަބާ ކިޔައިފި
ޕީއެންސީ ކޯލިޝަން: އެ ކޯލިޝަނުން ވަނީ ރައީސްގެ މާލީ އިސްލާހީ ފިޔަވަޅުތަކަށް މަރުހަބާ ކިޔާފަ
ރާއްޖޭގެ މާލީ ނިޒާމް ހަރުދަނާކުރުމުގެ މުހިންމު ފިޔަވަޅުތަކެއް އަޅުއްވަން ނިންމެވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށް ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީން މަރުހަބާ ކިޔައި ޝުކުރު އަދާކޮށް ބަޔާނެއް ނެރެފި އެވެ. 

ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދިވެހިރާއްޖެ މި ވަގުތު 'ވައްޓާލާފައިވާ' އިގުތިސާދީ އަނދަވަޅުން ނަންގަވައި ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ރައީސް މުޢިއްޒު އަޅުއްވަން ނިންމަވާ މުހިންމު ފިޔަވަޅުތަކަށް އެ ކޯލިޝަނުން މަރުހަބާ ކިޔާ ކަމަށެވެ.

އަދި، އެ މަނިކުފާނު އަޅުއްވަން ނިންމަވާފައިވާ މާލީ އިސްލާހީ ފިޔަވަޅުތަކަކީ ސިޔާސީ މަންފާއަށްވުރެ ބޮޑަށް ގައުމީ ވިސްނުމަކުން ވިސްނަވާ އަޅުއްވާ ފިޔަވަޅުތަކެއް ކަމަށް ބަޔާނުގައި ބުންޏެވެ.

ހަރަދު ކުޑަކުރުމަށް ބައެއް މުނާސަބަތުތަކާ ގުޅިގެން ބާއްވާ ހަފުލާތައް މަދުކޮށް ނުވަތަ ހަފުލާތައް ނުބާއްވަން ނިންމާފައިވާކަން ހާމަކުރެއްވުމާއެކު، ރައީސް ރޭ ވިދާޅުވީ ކުރިއަށް އޮތް މިނިވަން ދުވަހުގައި ބާއްވަން ނިންމާފައިވާ ފުޅަނދުބުރާއި ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ހަރަކާތްތައް ނުބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ ހަރަކާތްތައް ނުބާއްވައި މިފަހަރު މިނިވަން ދުވަސް ފާހަގަ ކުރުމަށް ބާއްވާނީ ހަމައެކަނި މިނިވަން ދުވަހުގެ ޖަލްސާއެކެވެ.

މިނިވަން ދުވަހުގައި ބާއްވާ ހަރަކާތްތައް މަދުކުރުމުން ދައުލަތުގެ ހަރަދުތައް އެތައް ގުނައަކުން ކުޑަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ހަރަދު ކުޑަކުރުމަށް އިތުރު ގިނަ ފިޔަވަޅުތަކެއް ސަރުކާރުން އަޅާނެ އެވެ.

ހަރަދު ކުޑަކޮށް ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް މި އަހަރުގެ ޖުލައި މަހުން ފެށިގެން ބޮޑެތި މާލީ އިސްލާހުތަކެއް އެކިލެވޭ އިސްލާހީ އެޖެންޑާއެއް ތަންފީޒުކުރަން ފަށަން ސަރުކާރުންވަނީ ނިންމާފަ އެވެ. ސަރުކާރުން ގެންނަން ކަނޑައަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި އާސަންދައާއި ސަބްސިޑީގެ ނިޒާމަށް ގެންނަން ނިންމާފައިވާ ބަދަލުތައް ހިމެނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު