ޚަބަރު
ސިހުރުގެ މައްސަލައެއްގައި ސްޓޭޓް މިނިސްޓަރ ޝަމްނާޒް ހައްޔަރުކޮށްފި
ޝަމްނާޒް: ސިހުރުގެ މައްސަލައެއްގައި އޭނާ ވަނީ ހައްޔަރުކޮށްފައި.
އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ހައްޔަރުކޮށްފި އެވެ.

ސަރުކާރުގެ އޮފިޝަލު ވިދާޅުވި ގޮތުގައި އޭނާ ހައްޔަރު ކުރުމަށްފަހު ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި އޭނާ ހާޒިރުކުރީ ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓަށެވެ.

ޝަމްނާޒްއަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒުގެ ކުރީގެ އަނބިކަނބަލުންނެވެ. އެ ދެ ބޭފުޅުންގެ ދަރިން ވެސް ތިބިއިރު، މި ފަހުން ވަނީ ވަރިކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި، ޝަމްނާޒް ހައްޔަރުކޮށްފައިވާ މި މައްސަލާގައި ރަމީޒުގެ މައްޗަށް އެއްވެސް ތުހުމަތެއް ނެތެވެ. ތަހުގީގު ކުރާ މީހުންގެ ތެރޭގައި ރަމީޒުގެ ނަމެއް ނެތެވެ. 

މާލޭ ސިޓީ ކައުންސިލްގެ ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި ޝަމްނާޒު އެ މަގާމުން އިސްތިއުފާދެއްވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުންނެވެ. އެއަށް ފަހު އޭނާ އައްޔަންކުރެއްވީ ރައީސްގެ ރަސްމީ ގެކޮޅު، މުލިއާގޭގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ. ފަހުން ވަނީ އޭނާ އެންވަޔަރަމަންޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކުރައްވައިފައެވެ.

މި ކަމާ ގުޅޭގޮތުން ސަރުކާރުން މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެއެވެ.

ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ ހައްޔަރުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިސް ބޭފުޅަކަށް ވުމަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު