ވިޔަފާރި
ދައުލަތުގެ ދަރަނި ބޮޑުވަމުން އަންނާތީ ފިޗުން ރާއްޖޭގެ ރޭޓިން ދަށްކޮށްފި
ފިނޭންސް މިނިސްޓަރު ޝަފީގު
ރާއްޖެއިން ބޭރުގެ ފަރާތްތަކުން ނަގާފައިވާ ދަރަނިތައް ނުދެއްކޭނެ ކަމަށް ބަލައި އެމެރިކާގެ ކްރެޑިޓް ރޭޓިން އޭޖެންސީ, ފިޗުގެ ރާއްޖޭގެ ރޭޓިން މިއަހަރު "ސީސީސީ ޕްލަސް" އަށް ދަށްކޮށްފި އެވެ.

ރާއްޖޭގެ ރޭޓިން މުރާޖައާކުރުމަށް ފަހު ފިިޗުން މިއަދު އާންމުކުރި ލިޔުމުގައި ބުނީ ރާއްޖެއަށް ދީފައިވާ "ބީ މައިނަސް"ގެ ރޭޓިން މިހާރު "ސީސީސީ ޕްލަސް"އަށް ދަށްކޮށްފައިވާ ކަމަށެވެ. އެ ރޭޓިންގެ މާނައަކީ: 

  • ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނި ނުދެއްކި ޑީފޯލްޓްވުމުގެ ފުރުސަތު ވަރަށް ބޮޑު ގައުމުތަކަށް ދޭ ރޭޓިންއެއް

  • މިފަދަ ގައުމުތަކުން ފައިސާ ހޯދަން ވިއްކާ ބޮންޑުތަކުގެ އިންޓަރެސްޓް ރޭޓް ބޮޑުވެ އަދި މިފަދަ ބޮންޑުތަކަށް އިންވެސްޓް ކުރަން މީހުންގެ ޝައުގުވެރިކަން ކުޑަވޭ 

ފިޗްގެ ބަޔާނުގައިވާ ގޮތުން ކަރަންޓު އެކައުންޓު ޑެފިސިޓު 492 މިލިއަން ޑޮލަރު (7.5 ބިލިއަން ރުފިޔާ) 748 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) އަށް ބޮޑުވެފައިވާ ކަމަށެވެ. އަދި ފޮރިން ރިޒާވުގެ ޝޯޓް ޓާމު ފޮރިން ލައިބިލިޓީތަކުގެ އަދަދު 73 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) އަށް ދަށް ވެފައިވާ ކަމަށެވެ.

މިހާރު ގައުމުގެ މާލީ ހާލަތު ހުރި ގޮތުން ދަރަނިތައް އަދާކުރުމުގައި ގައުމުތަކުގެ އެހީ ހޯދާނެ ކަމަށް ބުނެފައިވެ އެވެ. އަދާކުރަން ހުރި ދަރަނިތަކާ އަޅާ ބަލާ އިރު ސޮވަރިން ޑިވަލޮޕްމެންޓް ފަންޑް (އެސްޑީއެފް) ގައި ބޭނުން ކުރެވޭ ގޮތަށް ހުރީ، ކުޑަ އަދަދެއް ކަން ވެސް ފިޗުން ފާހަގަކުރި އެވެ.

ފިޗުން ފާހަގަ ކުރި އަނެއް ކަމަކީ ދަރަނި އިތުރުވުމެވެ. އެގޮތުން މިދިޔަ އަހަރު ޖީޑީޕީގެ ނިސްބަތުން 109.4 ޕަސެންޓުގައި ހުރި ދަރަނި 2026 ގައި 117.6 ޕަސެންޓަށް އިތުރުވާނެ ކަމަށް ފިޗުން ވަނީ ލަފާކޮށްފަ އެވެ. މެދު ރާސްތާގައި އެ އަދަދު އިތުރަށް ބޮޑުވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

ސަރުކާރުން ހުށަހަޅާ މާލި އިސްލާހީ އެޖެންޑާގައި ހިމެނޭ ސަބްސިޑީ ރިފޯމްތައް ތަންފީޒުކުރަން ފަށާނީ އަހަރުގެ ފަހު ކުއާޓަރުގައި ކަމަށް ފިޗުން ބުނެފައިވެ އެވެ. ސަރުކާރުން އަދި މިކަމުގައި ޓައިމްލައިނެއް ހާމަކޮށްފައި ނުވެ އެވެ.

ރޭޓިން ދައްކުރި ނަމަވެސް ފިޗުން ބުނީ ސަރުކާރުން އާމްދަނީ އިތުރުކުރުމަށް ފިޔަވަޅު އަޅައި ހަރަދު ކުޑަކުރުމުގެ ހަރުދަނާ ފިޔަވަޅުތަކެއް އެޅިއްޖެ ނަމަ ދަރަނި ނުދެއްކިދާނެ ކަމުގެ ނުރައްކަލުން ރާއްޖެއަށް ސަލާމަތްވެވި ރާއްޖޭގެ މާލީ ހަލަތާއި ދަރަނީގެ ހާލަތު ދެމެހެއްޓެނިވި ގޮތަކަށް ބަދަލު ކުރެވިދާނެ ކަމަށެވެ. 

ރާއްޖެއަށް ރޭޓިން ދޭ ދުނިޔޭގެ އެންމެ ބޮޑެތި ރޭޓިން އެޖެންސީތަކުގެ ތެރޭގައި ހިމެނެނީ ފިޗުގެ އިތުރުން މޫޑީޒް އެވެ. އެ ދެ އެޖެންސީން އަހަރަކު އެއް ފަހަރު ރޭޓިން މުރާޖައާކުރެ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު