ވިޔަފާރި
އުރީދޫ ފަން ރަންއަށް ލާމަށް ދާން މޯލްޑިވިއަންގެ އޮފާއެއް
ރާއްޖޭގެ ގައުމީ އެއާލައިން އަދި "އުރީދޫ ފަން ރަން"ގެ ޓްރެވަލް ޕާޓްނަރު މޯލްޑިވިއަނުން މި ހަރަކާތުގައި ބައިވެރިވާ ދަތުރުވެރިންނަށް ހާއްސަ ޕްރޮމޯޝަނެއް ހުޅުވާލައިފިއެވެ.

އުރީދޫއިން ބުނީ މި ޕްރޮމޯޝަންގެ ދަށުން އުރީދޫ ފަން ރަންގައި ބައިވެރިވާން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް މާލެ - ކައްދޫ ދެކޮޅު ޓިކެޓު 2،488ރ. އަށް ލިބޭނެ ކަމަށެވެ.

ޖުލައި 5، ވާ ހުކުރު ދުވަހު ލ. އަތޮޅުގައި ބާއްވާ އުރީދޫ ފަން ރަން ވެގެންދާނީ ބައިވެރިންނަށް އުފާވެރި މަޖާ ތަޖުރިބާއަކަށް ކަމަށާއި ކޮންމެ ކިލޯމީޓަރެއްގައި ވެސް ފޯމް، ފެން ނުވަތަ އޮބްސްޓަކަލް ކޯސް ބަހައްޓާފައި ހުންނާނެ ކަމަށް އުރީދޫއިން ބުނެ އެވެ.

އުރީދޫ ފަން ރަންއަށް އަމާޒުކޮށް މޯލްޑިވިއަންއިން ޓިކެޓުތައް ވިއްކަމުންދާ ދުވަސްތަކާއި ރޫޓުތައް:

• ޖުލައި 4. އިން ޖުލައި 5، އަށް މާލެއިން ކައްދޫއަށް

• ޖުލައި 6. އިން ޖުލައި 7. އަށް ކައްދޫއިން މާލެއަށް

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އުރީދޫ ފަން ރަންގައި ރެޖިސްޓާ ވެފައިވާ ފަރާތްތަކުން އޯޑާ އައިޑީ އާއެކު އީމެއިލް ސަބްޖެކްޓްއެއްގެ ގޮތުގައި "އުރީދޫ ފަން ރަން ލާމު" ޖެހުމަށްފަހު cc@iasl.aero އަށް އީމެއިލް ކުރަން އުރީދޫއިން އެދެ އެވެ.

އުރީދޫ މޯލްޑީވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ ލ. އަތޮޅުގައި ބާއްވާ ފަން ރަން ގައި މޯލްޑިވިއަން އިން ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މި ހަރަކާތަކީ ލ. އަތޮޅުގެ ހިތްގައިމު މާހައުލުގައި ސިއްހަތާއި ދުޅަހެޔޮކަމާއި އެއްބައިވަންތަކަމުގެ އުފާފާޅުކުރުމުގެ ހަރަކާތެއް. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މި ހާއްސަ އެއާފެއާގެ ސަބަބުން އިތުރު ބައިވެރިންނަށް މި ރަންގައި ބައިވެރިވުމަށް ފަސޭހަވާނެ،" ހާލިދު ވިދާޅުވި އެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސްވެސް ވިދާޅުވީ އުރީދޫ ފަން ރަންގައި ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މި އިވެންޓް ވެގެންދާނީ ލ. އަތޮޅުގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ އަދި ސިއްހަތާއި ދުޅަހެޔޮކަން ކުރިއެރުވުމުގެ ވަރަށް ފުރިހަމަ މިކްސްއަކަށް. ޓްރެވަލް ޕާޓްނަރެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ މަގުސަދަކީ ގިނަ ފަރާތްތަކަކަށް ރާއްޖޭގައި ބޭއްވޭ މި އުފާވެރި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުން،" އިޔާސް ވިދާޅުވި އެވެ. 

އުރީދޫ ފަން ރަން ލާމު އެޑިޝަން ގެ މައުލޫމާތު ހޯދުމަށް: http://ore.do/funrun2024. އަދި ލ.ކައްދޫއަށް ކުރާ ދަތުރުތަކާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް www.maldivian.aero އިޚްތިޔާރު ކުރެއްވުމަށް އުރީދޫއިން ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު