ވިޔަފާރި
އުރީދޫ އިން ފްރީޑައިވިން ސޭފްޓީ ސެޝަނެއް ބާއްވަނީ
އުރީދޫ މޯލްޑިވްސް އާއި ފްރީ ޑައިވިން އިންސްޓްރަކްޓާސް އިންޓަނޭޝަނަލް (އެފްއައިއައި) ގުޅިގެން ރާއްޖޭގައި ކުރިއަރަމުން އަންނަ ފްރީ ޑައިވިން ކޮމިއުނިޓީއަށް ހާއްސަ ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ.

"ސޭފް ބިނީތް ދަ ސާފޭސް: ފްރީޑައިވިން ސޭފްޓީ ސެޝަން ވިތް އަ ވޯލްޑް ޗެމްޕިއަން" ގެ ނަމުގައި ކުރިއަށްގެންދާ މި ސެޝަންގެ މަގުސަދަކީ ޑައިވް ކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކުރުމަށާއި ހާދިސާތަކުން ސަލާމަތްވުމަށް އެހީތެރިވެދިނުމާއި ބެސްޓް ޕްރެކްޓިސްތައް ޕްރޮމޯޓްކުރުން ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެ އެވެ.

މި ސެޝަން އޮންނާނީ ޖުލައި ތިން ވަނަ ދުވަހުގެ ރޭ 8:00 ގައި ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސް ހެޑްކުއާޓަރުގަ އެވެ.

އުރީދޫގެ އެމްޑީ އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫ މޯލްޑިވްސްގައި މުޖުތަމައުތަކުގެ ތެރޭގައި ސަލާމަތާއި ރައްކާތެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދޭނެ ކަމަށާއި، މިސޭފްޓީ ސެޝަނަކީ، ކުރިއަރަމުން އަންނަ ފްރީޑައިވަރުންގެ މުޖުތަމައަށް، ރައްކާތެރިކަމުގެ އެންމެ މަތީ މިންގަނޑުތަކާއެކު، އެމީހުންގެ ޝައުޤުވެރިކަން ކުރިއަށް ގެންދެވޭނެ މަގު ފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

މި ސެޝަންގައި އިސްކޮށް ހަރަކާތްތެރިވާނީ އެފްއައިއައިގެ މަޝްހޫރު ދެ ސްޕީކަރުން ކަމަށްވާ މާޓިން ސްޕަޓްނެކް އަދި އެރޯލް ޕުޓިނަމް އެވެ.

މާޓިން ސްޓެޕަނެކް އަކީ 13ފަހަރު ވޯލްޑް ރެކޯޑް ހަދާފައިވާ ފްރީޑައިވަރެކެވެ. އަދި އޭނާއަކީ މި ކުޅިވަރުގެ ތާރީހުގައި އުފެދުނު މޮޅު ފްރީޑައިވަރުންގެ ތެރޭގައި ހިމެނޭ އެކަކެވެ. އޭނާ ވަނީ އެއް ނޭވާގައި 400 ފޫޓަށްވުރެ އަޑިއަށް ފީނައިފަ އެވެ.

މާޓިން އަކީ ފްރީޑައިވިންގެ ފަހަތުގައިވާ ފިޒިއޮލޮޖީއަށް ޝައުގުވެރިވާ އަދި ހާވާޑް ޔުނިވާސިޓީ އާއި ސްވިޑެންގެ ކަރޮލިންސްކާ އިންސްޓިޓިއުޓްގެ އިސް ސައިންސްވެރިންނާ ގުޅިގެން މި ކުޅިވަރުގެ ފަހަތުގައިވާ ބައެއް ފިޒިއޮލޮޖިކަލް ސިއްރުތައް ހޯދުމަށް މަސައްކަތް ކޮށްފައިވާ މީހެކެވެ. މިހާރު ކުރިއަށްދާ ދިރާސާގައި އޭނާގެ ބައިވެރިވުމުގެ ސަބަބުން ސައިންސްވެރިންނަށް ފްރީޑައިވަރުންނަށް ކަނޑުގެ އަޑީގެ ޕްރެޝާގައި ދިމާވާ ކަންކަން ރަނގަޅަށް ދެނެގަނެވޭނެ އެވެ.

އެރޯލް ޕުޓިނަމް އަކީ ކެނެޑާގެ ޓޮރޮންޓޯގެ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ފްރީޑައިވިން އިންސްޓްރަކްޓަރެކެވެ. އޭނާ ކުޑައިރުއްސުރެ ފްރީޑައިވް ކުރެ އެވެ. އެފްއައިއައިގައި މާޓިން ސްޓެޕަނެކްއާ އެކު ވަރަށް ގާތުން މަސައްކަތް ކުރާ އަދި ސްޓެޕަނެކާއެކު އެފްއައިއައިގެ ޖޫނިއާ ފްރީޑައިވާ ޕްރޮގްރާމް ފަދަ ކަރިކިއުލަމް ޑިވެލޮޕް ކުރުމަށް އެހީތެރިވެދީ، ދުނިޔޭގެ އެންމެ ޑިމާންޑް ބޮޑު ފްރީޑައިވިން އިންސްޓްރަކްޓަރުންގެ ތެރޭގައި ވެސް އޭނާ ހިމެނެ އެވެ.

އޭނާ ކިޔަވައިދެނީ އެމެރިކާ، ބަހާމާސް، ޕުއެޓޯ ރިކޯ، ސްޕެއިން އަދި ގަތަރުގެ އެކި ކަންކޮޅުތަކުގައި ރިކްރިއޭޝަނަލް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލް ސެޓްފިކޭޝަން ކޯސްތަކެވެ.

މި ސެޝަންގެ އަމާޒަކީ ދިވެހި ފްރީޑައިވިން ކޮމިއުނިޓީއަށް ރައްކާތެރިކަމާއި ޔަގީންކަމާއެކު ޑައިވްކުރުމަށް ބޭނުންވާ މައުލޫމާތާއި ހުނަރު އިތުރަށް ތަނަވަސްކޮށްދިނުން ކަމަށް މާޓިން ވިދާޅުވި އެވެ.

އުރީދޫ މޯލްޑިވްސްގެ ވެބްސައިޓް މެދުވެރިކޮށް މި ސެޝަންގައި ހިލޭ ރަޖިސްޓްރީކުރެވޭނެ އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު