ޚަބަރު
ދައުލަތުގެ އިގްތިސާދީ ހާލަތު ކިޔައިދޭން ބޭއްވި ބައްދަލުވުން ސިއްރުކޮށްފި
ޕީއެންސީގެ ސާފު އަގުލަބިއްޔަތު އޮތް މާލިއްޔަތު ކޮމިޓީ
މި ވަގުތު ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތް ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން ސިއްރުކޮށްފި އެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވަޑައިގަންނަވާ ގޮތަށް ކުރިން ހަމަޖެހިފައި އޮތް ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ މިބައްދަލުވުމަށް މިނިސްޓަރު ވަޑައިނުގަންނަވަ އެވެ. އެކަމަކު ކަމާ ގުޅޭ ލިޔުންތައް ކޮމިޓީއަށް ފޮނުއްވި އެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދު ބައްދަލުވުމަށް ފިނޭންސް މިނިސްޓްރީން ލިޔެކިޔުންތައް ފޮނުވާފައި ހުރީ އެ މައުލޫމާތު ސިއްރު ކުރާ ގޮތަށެވެ. އެހެންވެ ކޮމިޓީގެ މިއަދުގެ ބައްދަލުވުން ފެށުމަށްފަހު ވަނީ ކޮމިޓީ ސިއްރުކުރުމާ މެދު ގޮތެއް ނިންމުމަށް ވޯޓަށް އަހާފަ އެވެ.

"އެންމެ ފުރަތަމަ އަޅުގަނޑުމެންނަށް ދެއްވި ޖަވާބުގައި ފިނޭންސް މިނިސްޓަރު ވިދާޅުވެފައި އެބައޮތް ފިނޭންސް މިނިސްޓަރު ބޭނުންވަނީ ކޮމިޓީ ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށޭ. އެހެންވީމާ އެ ގޮތަށް ވިދާޅުވެފައި ފޮނުވި މައުލޫމާތުތަކެއް އަޅުގަނޑުމެންގެ މި ހުރީ،" ނާޒިމް ވިދާޅުވި އެވެ.

އެއާއެކު ކޮމިޓީ ސިއްރުކުރަން ވޯޓަށް ހުޅުވައިލުމުން 11 މެމްބަރުންގެ ތެރެއިން ހަތް މެމްބަރުން ވަނީ ސިއްރުކުރަން ތާއީދުކޮށްފަ އެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އަވަށްޓެރި ސްރީލަންކާގެ އިގްތިސާދު ފެއިލްވެ، ބަނގުރޫވެގެން ދިޔަ އިރު، އިންޑިއާ އާއި ޗައިނާ ވެސް ތިބީ ބަލަހައްޓައިގެން ކަމަށެވެ. އިންޑިއާ އާއި ޗައިނާއިން "ވާނެ އެއްޗެއް ވާން" ދޫކޮށްލީ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. ނާޒިމް ވިދާޅުވި ގޮތުގައި އިގްތިސާދީ މަންޒަރު ސިފަ ކުރެވޭނީ ފިނޭންސް މިނިސްޓްރީން އެ މަންޒަރު ދެއްވީމަ އެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތުގެ ހަގީގަތް ހާމަކޮށްގެން މެނުވީ، ޓެކްސް އިތުރަށް ބޮޑުކުރުން ފަދަ ފިޔަވަޅެއް މަޖިލީހަށް އެޅެން ނޯންނާނެ ކަމުގައި ނާޒިމް ވިދާޅުވިއެވެ. އަންނަ އަހަރުގެ ބަޖެޓު ފާސްކުރަން ނޮވެމްބަރު މަހާ ހަމައަށް މަޑުނުކޮށް، މިހާރުން މިހާރަށް ރާއްޖޭގެ އިގުތިސާދީ އަދި މާލީ ހާލަތު ތެދުބަހުން ކިޔައިދޭން ނާޒިމް ވަނީ އިލްތިމާސް ކުރައްވައިފަ އެވެ. ރާއްޖޭގެ މިވަގުތުގެ މާލީ ހާލަތާ ގުޅޭ "ހިތި ބޭސް ސިޓީއެއް އޮތިއްޔާ" އެ ކަން ނުފޮރުވައި، ރައްޔިތުންގެ މަޖިލީހަށާއި ރައްޔިތުންނަށް ހާމަކޮށްދިނުމަށް ވެސް އޭނާ އެދިވަޑައިގެންނެވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު