ޚަބަރު
ޖުޑިޝަރީ ކޮމިޓީ އަށް ޕީޖީ ހާޒިރުކުރަނީ
ޖިނާއީ އަދުލުގެ ނިޒާމާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދުމުން ޕީޖީ ހުސައިން ޝަމީމް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ހާޒިރުކުރަން އެ ކޮމިޓީން މިއަދު ނިންމައިފި އެވެ.

ޖުޑިޝަރީ ކޮމެޓީގެ މިއަދުގެ ބައްދަލުވުން ފައްޓަވަމުން މުގައްރިރު، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްގެ ސިޓީއެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. ސިޓީގައި ޝަމީމް ފާހަގަކުރައްވާފައި ވަނީ ކުރިއަށް އޮތް ފަސް އަހަރު މަޖިލީހުން ހާއްސަގޮތެއްގައި ޖިނާއީ އަދުލުގެ ނިޒާމު އޮންނަންވީ ގޮތުގެ ތަސައްވަރު އެ އޮފީހުން ދެނެގަންނަން ބޭނުންވާ ކަމަށެވެ.

އަދި، އެ ތަސައްވަރު ހާސިލް ކުރުމަށް އެ އޮފީހުން ކުރެވޭނެ ކަންކަމާމެދު މައުލޫމާތު ބަދަލުކުރަން ބޭނުންވާ ކަމަށާއި، އެ އޮފީހުގެ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތާއި، ޖިނާއީ އަދުލުގެ ނިޒާމު އޮތް ގޮތާމެދު އެ އޮފީހަށް ފެންނަ ގޮތުގެ މަންޒަރު ހިއްސާކުރުމަކީ ބޭނުންތެރި ކަމެއް ކަމަށް ފެނިވަޑައިގަންނަވާތީ އެ ފުރުސަތަށް ޝަމީމް ވަނީ އެދިވަޑައިގެންފަ އެވެ.

ޕީޖީ އޮފީހުން އިސްވެ އެފަދަ ފުރުސަތަކަށް އެދުމުން މެންބަރުން ވަނީ މަރުހަބާ ދަންނަވާފަ އެވެ. އަދި އެފުރުސަތު ދެއްވުމަށް ހުރިހާ މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ. 

ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ މައްސަލައާ ގުޅޭގޮތުން ކްރިމިނަލް ކޯޓާއި ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ވެސް އެ ކޮމިޓީ އަށް ހާޒިރުކުރަން މިއަދު ނިންމި އެވެ.

މީގެ އިތުރުން ޖުޑިޝަރީ ކޮމިޓީއާ ގުޅުން ހުރި ދައުލަތުގެ އެހެން އިދާރާތަކުގެ މަސައްކަތްތަކާބެހޭ މައުލޫމާތު ވެސް ހޯދުމަށްޓަކައި ކޮމިޓީން ކަނޑައަޅާ ތަރުތީބުން އެ ފަރާތްތަކާ ބައްދަލު ކުރުމަށް ވެސް ޖުޑިޝަރީ ކޮމިޓީން މިއަދު ނިންމި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު