ޚަބަރު
ހާއްސަ އާންމު ޖަލްސާ ބާއްވަންދޭ މުއްދަތު ކުރުކުރަން ފާސްކޮށްފި
ކުންފުނިތަކުގެ ބޯޑަށް މެނޭޖިން ޑިރެކްޓަރުންނާއި ޑިރެކްޓަރުންނާއި އައްޔަން ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ކުރުކުރަން ކުންފުނިތަކާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު އެވެ.

މި އިސްލާހު ފާސްވީ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ބޭއްވި ހާއްސަ ޖަލްސާގައި ބިލް ފާސްކުރުމަށް ވޯޓު ދެއްވި 85 މެންބަރުންގެ އިއްތިފާގުންނެވެ. 

ގާނޫނު މިހާރު އޮންނަ ގޮތުން ޕަބްލިކް ކުންފުނިތަކާއި ޕްރައިވެޓް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ޑިރެކްޓަރުންގެ މަގާމު ހުސްވެއްޖެ ނަމަ އެ މަގާމަށް 30 ދުވަސް ތެރޭގައި މީހުން އައްޔަން ކުރަން އެންގުމުގެ ބާރު ރަޖިސްޓްރާ އޮފް ކޮމްޕެނީސްއަށް އޮވެ އެވެ.

ނަމަވެސް އާ އިސްލާހުގައި ހުށަހަޅާފައިވަނީ އެ މުއްދަތު 10 ދުވަހަށް ކުރު ކުރުމަށެވެ.

މީގެ އިތުރުން ކުންފުނިތަކުގެ އާންމު ޖަލްސާ ބާއްވަން ޖެހޭ މުއްދަތު ކުރުކުރަން އެ އިސްލާހު ހިމަނާފައިވެ އެވެ. މިހާރު ގާނޫނު އޮންނަ ގޮތުން އެފަދަ ޖަލްސާއެއްގެ ނޯޓިސް ފޮނުވަން ޖެހެނީ އެކަމަށް އެދި ހުށަހަޅާތާ 21 ދުވަސް ތެރޭގައި ކަމަށް ވިޔަސް، އާ އިސްލާހުގައި ވަނީ އެ މުއްދަތު ތިން ދުވަހަށް ކުރު ކުރުމަށެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމުގެ ނޯޓިސް ފޮނުވަން ޖެހެނީ 14 ދުވަސް ކުރިންނެވެ. ނަމަވެސް ސަރުކާރުން ހުށަހަޅާފައިވާ އާ އިސްލާހުގައި ހުށަހަޅާފައިވަނީ އެ މުއްދަތު ވެސް ހަތް ދުވަހަށް ކުރު ކުރުމަށެވެ.

މަޖިލީހުން މި ބިލް ފާސްކުރި ނަމަވެސް، މި އިސްލާހަށް އަމަލުކުރަން ފަށާނީ ރައީސް މި ބިލް ތަސްދީގު ކުރައްވާ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެންނެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު