ޚަބަރު
ކުންފުނީގެ ބިލު ދިރާސާކޮށް ފާސްކޮށްލަން ކޮމިޓީން ނެގީ 10 މިނެޓު!
މިއަދު ބޭއްވި އިގްތިސޯދީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން
ކުންފުނިތަކުގެ ޖަލްސާތައް ބާއްވަންޖެހޭ މުއްދަތު ކުރުކޮށް، ކުންފުނިތަކަށް އައްޔަނުކުރާ ޑިރެކްޓަރުންގެ އަދަދު އިތުރުކުރެވޭ ގޮތަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީއަށް ދިރާސާކުރަން ފޮނުވުމުން، އިތުރު ބަދަލަކާ ނުލައި އެގޮތަށް ފާސްކުރަން 10 މިނެޓު ތެރޭ އެ ކޮމިޓީން މިއަދު ނިންމައިފި އެވެ. 

ކޮމިޓީން އެ ބިލު ފާސްކުރީ 10 ވަރަކަށް މިނެޓުއިރު ތެރޭގައެވެ. އެ ބިލު ބިލަށް ރުހުން ދިނުމަށް ކޮމިޓީގައި ދެކޮޅު ހަދާފައި ވަނީ އެންމެ މެންބަރެކެވެ. 

ސަރުކާރުގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާމު މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ސެޕްޓެމްބަރު 11، ގަ އެވެ. އެ ބިލުގެ އިބްތިދާއީ ބަހުސަށްފަހު ބިލު ބަލައިގަނެ ކޮމިޓީއަށް ފޮނުވަން ފާސްކުރީ މިއަދު އެވެ.

ބިލު ބަލައިގަތީ ވޯޓުގައި ބައިވެރިވި 77 މެންބަރުންގެ އިއްތިފާގުންނެވެ.

މި ބިލު ދިރާސާ ކުރުމަށް އިގުތިސޯދީ ކޮމިޓީގެ ބައްދަލުވުން ފެށީ މިއަދު ހެދުނު 11:30 ގަ އެވެ. ސަރުކާރުން ހުށަހެޅި ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ކޮމިޓީން ފާސްކޮށް އަނބުރާ ތަޅުމަށް ފޮނުވަން ނިންމީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި އަށް މެންބަރުންގެ އިއްތިފާގުންނެވެ.

ކުންފުނީގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ހާއްސަ އާންމު ޖަލްސާ ބޭއްވުމަށް އެދި ލިޔުން ލިބޭތާ 21 ދުވަހުގެ ތެރޭގައި ޖަލްސާއަށް ދައުވަތު ދޭންޖެހެ އެވެ. އަދި ޖަލްސާ ބޭއްވުމަށް އެދި ހުށަހަޅާތާ ތިން މަސް ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަން ޖެހެ އެވެ.

އިސްލާހުގައި ބުނާގޮތުންނަމަ، އީޖީއެމްއެއް ބާއްވަން އެދިއްޖެ ހާލަތެއްގައި، ޖަލްސާ ބޭއްވުމަށް އެދި ލިއުން ލިބޭތާ ތިން ދުވަހުގެ ތެރޭގައި ޖަލްސާއަށް ދައުވަތު ދޭން ޖެހެއެވެ. އަދި، 10 ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަން އިސްލާހުގައި ވަނީ ހުށަހަޅާފަ އެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން ނަމަ ޖަލްސާ ބޭއްވުމަށް ދައުވަތު ދޭން ޖެހެނީ ލިޔުން ލިބޭތާ 21 ދުވަހުގެ ތެރޭގަ އެވެ. އަދި، ޖަލްސާ ބޭއްވުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދީފައި އޮވެ އެވެ.

އިސްލާހުގައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި ޕަބްލިކް އަދި ޕްރައިވެޓް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އިތުރު ކުރުމުގެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފަ އެވެ.

ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި މެންބަރުން މަދުކަމަށް ފާހަގަވެ، އެ އަދަދަށް ޑިރެކްޓަރުން އައްޔަން ކުރުމަށްޓަކައި 10 ދުވަހުގެ ތެރޭގައި އެ އަދަދަށް ބޯޑަށް މެންބަރުން އައްޔަންކުރަން ޖެހޭ ގޮތަށް ހިމަނާފައިވެއެވެ. މިހާރު އޮންނަ ގޮތުން ނަމަ ބޯޑު 30 ދުވަހުގެ މުއްދަތެއް ލިބެ އެވެ. 

މިއަދުގެ ޖަލްސާ ނިއްމާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި މާދަމާ ވެސް ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވާނެ އެވެ. ބެލެވޭ ގޮތުގައި އެ ޖަލްސާގައި އޮންނާނީ:

  • ޕްރޮސެކިއުޓާ ޖެނެރަލް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ އަދި ކުރީގެ ހައިކޯޓްގެ ފަނޑިޔާރު އައްބާސް ޝަރީފް އައްޔަން ކުރަން ރުހުން ދިނުން؛ ޖުޑިޝަރީ ކޮމިޓީން މިއަދު އޭނާއާ އިންޓަވިއުކުރުމަށް ހަމަޖެހިފައިވޭ

  • ދެން އޮންނާނީ ކުންފުނީގެ ގާނޫނަށް އިސްލާހު ގެނައުމަށް މިއަދު ކޮމިޓީން ފާސްކުރި ބިލަށް ވޯޓަށް އެހުން

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު