ޚަބަރު
ޕީޖީގެ މަގާމަށް އައްބާސް އައްޔަންކުރަން ކޮމިޓީން ރުހުން ދީފި
ޕްރޮސިކިއުޓާ ޖެނަރަލްގެ މަގާމަށް ރައީސްގެ ލީގަލް ސެކެޓްރީގެ މަގާމުގައި ހުންނެވި އައްބާސް ޝަރީފް އައްޔަން ކުރަން ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން މިއަދު ފާސްކޮށްފި އެވެ.

އެ ކޮމިޓީން މިގޮތަށް ފާސްކޮށްފައިވަނީ ޢައްބާސްއާ އިންޓަވިއުކުރުމަށްފަހު އެވެ. އެގޮތުން އިންޓަވިއުއަށްފަހު މެންބަރުން 93.91 އިންސައްތަ މާކްސް ދެއްވާފައިވާއިރު އައްބާސް އައްޔަން ކުރެއްވުމަށް ރުހުން ދީފައިވަނީ ކޮމިޓީގެ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އައްބާސް އައްޔަންކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

ޕީޖީގެ މަގާމަށް އައްބާސް އައްޔަން ކުރުމަށް ރުހުން ދިނުމުގެ ގޮތުން މަޖިލީހުގެ ޚާއްސަ ޖަލްސާއެއް ދައުރުން ބޭރުން މާދަމާ ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ. 

ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން، ކުރިން ހައި ކޯޓުގެ ފަނޑިޔާރު ކަން ވެސް ކުރެއްވި އައްބާސް ވިދާޅުވީ އޭނާ މަގާމަށް ކުރިމަތިލެއްވީ ސިޔާސީ އެއްވެސް ބޭފުޅަކު ދަންނަވައިގެން ނޫނީ އިރުޝާދު ދީގެން ނޫން ކަމަށެވެ.

އައްބާސް ވިދާޅުވީ އޭނާ ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކުރި ފަސް އަހަރުގެ ތެރޭގައި ސިޔާސީ އަދި ކުށުގެ ބޮޑެތި މައްސަލަތައް ބަލާފައި ހުންނާނެ ކަމަށާއި އެ މައްސަލަތައް ބެލިއިރު އެކި ކަހަލަ އިންޒާރުތަކާއި ބިރު ދެއްކުމާ ކުރިމަތިލާން ޖެހުނު ކަމަށެވެ.

އެކަމަކު، އެއްވެސް މައްސަލައެއް ނިންމުމުގައި އިންޒާރަކަށް ބަލާފައިނުވާނެ ކަމަށް އައްބާސް ވިދާޅުވި އެވެ.

އަލްއުސްތާޒް އައްބާސް ޝަރީފަކީ ޔުނިވަރސިޓީ އޮފް ޓެސްމޭނިއާއިން ގާނޫނީ ދާއިރާގެ މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އައްބާސް ވަނީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފަ އެވެ.

ޕީޖީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމް މިދިޔަ މަހުގެ 22 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ އޭނާއާ ގުޅޭގޮތުން މަޖިލީހަށް ހުށަހެޅި މައްސަލަތަކާ ގުޅިގެން އޭނާ ވަކި ކުރަން ޖުޑިޝަރީ ކޮމެޓީން ނިންމުމުންނެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު