ޚަބަރު
ކުންފުނީގެ ގާނޫނަށް ހުށަހެޅި އިސްލާހު ކޮމިޓީއަށް
ކުންފުނިތަކުގެ އާންމު ޖަލްސާތައް ބޭއްވުމަށް ނޯޓިސް ދޭން ޖެހޭ މުއްދަތު ކުރުކުރުމަށާއި ކުންފުނިތަކުގެ ބޯޑަށް މެންބަރުން އައްޔަން ކުރުމަށް މިހާރު އޮންނަ މުއްދަތު ކުރުކުރުމަށް ކުންފުންޏާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ ބިލު މަޖިލީހަށް ބަލައިގަނެ ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފި އެވެ.


ސަރުކާރުގެ ފަރާތުން ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ހުށަހެޅުއްވި އިސްލާހު ބަލައިގަނެފައިވަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ބޭއްވި ޖަލްސާގަ އެވެ.

މި ބިލް މަޖިލީހަށް ބަލައިގަތީ ވޯޓު ދެއްވި 77 މެންބަރުންގެ އިއްތިފާގުންނެވެ. ބިލް ބަލައިގަތުމަށް ފާސްވުމުން ބިލް ދިރާސާކުރަން ފޮނުވާފައިވަނީ މަޖިލީހުގެ އިގުތިސާދީ ކޮމިޓީއަށެވެ.

ކުންފުނީގެ ގާނޫނުގައި މިހާރު އޮންނަ ގޮތުން ހާއްސަ އާންމު ޖަލްސާ ބޭއްވުމަށް އެދި ލިޔުން ލިބޭތާ 21 ދުވަހުގެ ތެރޭގައި ޖަލްސާއަށް ދައުވަތު ދޭންޖެހެ އެވެ. އަދި ޖަލްސާ ބޭއްވުމަށް އެދި ހުށަހަޅާތާ ތިން މަސް ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަން ޖެހެ އެވެ.

އިސްލާހުގައި ބުނާގޮތުންނަމަ، އީޖީއެމްއެއް ބާއްވަން އެދިއްޖެ ހާލަތެއްގައި، ޖަލްސާ ބޭއްވުމަށް އެދި ލިއުން ލިބޭތާ ތިން ދުވަހުގެ ތެރޭގައި ޖަލްސާއަށް ދައުވަތު ދޭން ޖެހެއެވެ. އަދި، 10 ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަން އިސްލާހުގައި ވަނީ ހުށަހަޅާފަ އެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން ނަމަ ޖަލްސާ ބޭއްވުމަށް ދައުވަތު ދޭން ޖެހެނީ ލިޔުން ލިބޭތާ 21 ދުވަހުގެ ތެރޭގަ އެވެ. އަދި، ޖަލްސާ ބޭއްވުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދީފައި އޮވެ އެވެ.

އިސްލާހުގައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި ޕަބްލިކް އަދި ޕްރައިވެޓް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އިތުރު ކުރުމުގެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފަ އެވެ.

ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި މެންބަރުން މަދުކަމަށް ފާހަގަވެ، އެ އަދަދަށް ޑިރެކްޓަރުން އައްޔަން ކުރުމަށްޓަކައި 10 ދުވަހުގެ ތެރޭގައި އެ އަދަދަށް ބޯޑަށް މެންބަރުން އައްޔަންކުރަން ޖެހޭ ގޮތަށް ހިމަނާފައިވެއެވެ. މިހާރު އޮންނަ ގޮތުން ނަމަ ބޯޑު 30 ދުވަހުގެ މުއްދަތެއް ލިބެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު