ޚަބަރު
ޕާޓީގެ ރޮނގު ދޫކޮށް ހަގީގަތް ގަބޫލުކުރަންޖެހޭ: ނާޒިމް
ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް--ފޮޓޯ: މަޖިލިސް
ޕާޓީގެ ރޮނގު ދޫކޮށް ހަގީގަތް ގަބޫލުކުރަންޖެހޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމު މިއަދު ވިދާޅުވެއްޖެ އެވެ.

މަސްވެރިންނަށް ފައިސާ ނުލިބޭ މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅާފައިވާ ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ މިފްކޯއިން މަސް ގަންނަން ހަމަޖައްސާފައި ވަނީ ދެކޮޅު ޖެހޭ އަގެއް ނޫން ކަމަށާއި އެ ކުންފުންޏަށް ކޮންމެ ކިލޯއަކުން 8ރ. ގެ ގެއްލުންވާ ކަމަށެވެ.

މަސްވެރިންނަށް ފައިސާ ބަރާބަރަށް ދެވޭނީ ފައިސާ ދެވޭނެ އަގެއްގައި އެކަން ކޮށްގެން ކަމަށްވާތީ އެ އަގު ކޮންމެހެން ވެސް މުރާޖާ ކުރަން ޖެހޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވަނީ ޕާޓީގެ ކުލަތަކާއި ރޮނގުތައް ފަހަނައަޅައި، ގައުމަށް ފައިދާވާނެ ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަށް އެމްޑީޕީއަށް އިލްތިމާސްކުރައްވައިފައެވެ. އަދި ވިދާޅުވީ ހައްލަކީ ދެކޮޅު ޖެހޭ އަގެއްގައި މަސް ވިއްކުން ކަމަށެވެ. އޭރުން ލާރިކޮޅު ވެސް ބަރާބަރަށް ލިބޭނެ ކަމަށް ވިދާޅުވި އެވެ.

މަސްވެރިންގެ އާބާދީ އަކީ 17،000 މީހުންކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ، ސިވިލް ސާވަންޓުގެ ގޮތުގައި އެކަނި ވެސް 35،000 މީހުން އަދި ރިސޯޓުތަކުގައި 15،000 މީހުން ދަނީ ވަޒީފާ އަދާ ކުރަމުންނެވެ. މަސައްކަތުގެ އާބާދީގެ ތެރެއިން 17،000 މަސްވެރިންނަށް އެވަރުގެ ބޮޑު ސަބްސިޑީއެއް ދިނުމަކީ، "އިޖުތިމާއީ އަދާލަތުގެ އުސޫލުން ބަލާއިރު ވެސް ދެކޮޅު ޖެހޭ ކަމެއް ނޫން" ކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.

"އަޅުގަނޑުމެން ސަބްސިޑީ މި ދެނީ މިގޮތަށް 17،000 މަސްވެރިންނަށް. މިއީ، އެއްގޮތަކަށް ވެސް އިންސާފެއް ނޫން. އެހެންވީމަ، އަޅުގަނޑުމެން އެބަ ޖެހޭ މި ކަމުގައި ދެ ވަނަ ވިސްނުމަކަށް ދާން،" އޭނާ ވިދާޅުވި އެވެ.

އެ މައްސަލާގައި ސަރުކާރުގެ މެންބަރުންނަށް ރައްދު ދެއްވަމުން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވި ގޮތުގައި މަސް ކިލޯއެއްގެ އަގު 12ރ. އާއި 15ރ. އަށް ދަށް ކުރަން މެންބަރުން ގޮވާލުމަކީ ލަދު ގަންނަން ޖެހޭ ކަމެކެވެ.

"އެންސިސް އޭ އެހެން ކުންފުންޏެކޭ ކިޔާފަ ވާހަކަ ދައްކަން އެ މެންބަރުންނަށް ވަރަށް ފަސޭހަ ވާނެ. މަހުގެ އަގު ދަށް ކުރި ވަރަކަށް ފައިދާ ވާ މެންބަރުން މިތަނުގެ ތެރޭގައި ތިބޭނެ." އޭނާ ވިދާޅުވި އެވެ.

ނާޒިލް ވިދާޅުވީ މަސްވެރިން ފައިސާ ނުލިބިގެން މުޒާހަރާ ކުރާތާ އެތައް ދުވަހެއް ވެފައިވާއިރު އެ މައްސަލަ އަށް ހައްލެއް ހޯދައި ނުދެވުމަކީ ސަރުކާރު ބޮޑުތަނުން ފެއިލްވުން ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު