ޚަބަރު
މަސްވެރިކަމުގެ ދާއިރާއިން އިފާޑްގެ އެހީތެރިކަން ހޯދަން މަޝްވަރާކޮށްފި
ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ އިތުރަށް ތަރައްގީކުރުމަށްޓަކައި އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަ ޑިވެލޮޕްމަންޓް (އިފާޑް)އާ އެކު މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާއަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމާއި އެ މިނިސްޓްރީގެ އިސްވެރިން އިފާޑުގެ ކަންޓްރީ ޑިރެކްޓަރ ޝެރީނާ ތަބައްސުމްއާ ބައްދަލުކުރައްވައިފަ އެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ މަސްވެރި ސިނާއަތް ތަރައްގީކުރުމަށް އިފާޑުގެ އެހީތެރިކަން ބޭނުންވާ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާ ކުރިއަށް ގެންގޮސްފައި ވެ އެވެ.

ރާއްޖޭގައި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ތެރެއިން މަސް ޕްރޮސެސްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެހީ ބޭނުންވާ ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވެ އެވެ.

މިބައްދަލުވުމުގައި ޝެރީނާ ވަނީ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ރާއްޖެއަށް ބޭނުންވާ އެހީތެރިކަން އިފާޑްގެ ފަރާތުން ލިބޭނެ ކަމުގެ ޔަގީންކަންވެސް ދެއްވި އެވެ. 

އިފާޑުން ވަނީ މީގެ ކުރިންވެސް ރާއްޖޭގެ އެކި ސިނާއަތްތައް ތަރައްޤީކޮށް ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން 2022 ވަނަ އަހަރުގައި އިފާޑުގެ އެހީގައި ރާއްޖޭގެ ތިން އަތޮޅެއްގައި މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ގެ ނަމުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގެ ދަށުން ރާއްޖޭގެ ދަނޑުވެރިން ތަމްރީނު ކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު