ވިޔަފާރި
މަސް ގަންނަ އަގަށް ބަދަލު ނުގެންނަނީ މާކެޓުގައި އަގު ދަށްވާތީ: މިފްކޯ
މިފްކޯ މަސް ބޯޓެއް
މިފްކޯއިން ކަނޑުމަސް ގަންނަ އަގަށް ބަދަލު ގެނެސްފައިނުވަނީ، ދުނިޔޭގެ ބާޒާރުގައި ކަނޑުމަހުގެ އަގަށް ހެޔޮ ބަދަލެއް އައިސްފައިނުވާތީކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޑެޓް، މިފްކޯއިން ބުނެފިއެވެ. ރާއްޖޭގެ އެކި ސަރަހައްދުގައި މިއަހަރު މަސްވެރިކަން އުޅެނީ ވަރަށް ދަށްކޮށެވެ.

ދުނިޔޭގެ ބާޒާރުގައި މަސް ގަންނަން ލިބޭ އަގުގައި މިފްކޯއަށް ކަނޑުމަސް ގަންނަން ފެށީ މިދިޔަ ޖުލައި އެއްވަނަ ދުވަހުން ފެށިގެންނެވެ. އޭގެފަހުން ދެމަސް ވެގެން ދިޔައިރު މަސް ގަންނަ އަގަށް އެއްވެސް ބަދަލެއް މިފްކޯ އިން ގެނެސްފައެއް ނުވެ އެވެ.

މިފްކޯއިން މިއަދު ބުނީ މަސް ގަންނަ އަގު ބަދަލުކުރި ދުވަސްވަރަކީ މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެފައިވާ ދުވަސްވަރަކަށްވެފައި އެ ދުވަހުން ފެށިގެން ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށަށް ގޮސްފައިވީ ނަމަވެސް އެ ކުންފުނިން މަސައްކަތްކޮށްފައިވާނީ މަސް ގަންނަ އަގު ދަށް ނުކޮށް ހިފަހައްޓަން ކަމަށެެވެ.

"މަސްވެރިންގެ ހައްގުގައި މި ހާލަތުގައި 16 ރުފިޔާގެ ރޭޓުން މިފްކޯއަށް ގެއްލުމުގައި މަސް ކިރަން ޖެހުނަސް، އެކަމަކީ ސަބްސިޑީއާ ނުލައި ދާއިމީކޮށް ކުރެވޭނެ ކަމެއް ނޫން،" މިފްކޯ އިން ބުންޏެވެ.

"ކުރިއަށް އޮތް ތަނުގައި ބައިނަލްއަގުވާމީ ބާޒާރުގައި ރޯމަހުގެ އަގު ދަށަށް ހިނގައްޖެ ނަމަ، މަސްކިލޯއެއް ގަންނަ އަގު ދަށްކުރުން ނޫން އިތުރު ގޮތެއް ނޯންނާނެ."

"އެހެންކަމުން މިފްކޯއަށާއި، ސިނާއަތަށް މި ވަގުތަށް އޮތް އެންމެ ރަނގަޅު ގޮތަކީ މަހުގެ އަގު ދަށްނުކޮށް ބައިނަލްއަގްވާމީ މާކެޓުގައި މަހުގެ އަގަށް އަންނަ ހެޔޮ ބަދަލެއް ފެންނަންދެން މަޑުކޮށްގެން ތިބުން."

މިފްކޯ އިން ބުނީ އަމިއްލަ ބައެއް ފެކްޓަރީތަކުން ޕްރޮސެސެސިންއަށް ބޭނުންވާ މިންވަރަށް މިފްކޯއަށް ވުރެ ބޮޑު ރޭޓެއްގައި މަސް ގަންނަމުން ދިޔަ ނަމަވެސް، މިފްކޯއަކީ ގަންނަ މަހުގެ %80 ރޯ މެޓީރިއަލްގެ ގޮތުގައި ބޭރުކުރާ ކުންފުންޏެއް ކަމަށެވެ.

މިފްކޯ އިން އިތުރަށް ބުނީ މިއަހަރުގެ މިހާލަތުގެ ސަބަބުން މަސްވެރީން މަހަށް ފުރުމަށް ހިތްވަރު ދިނުމުގެ ގޮތުން އެ ކުންފުނިން އަންނަނީ މިވަގުތަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއްވެސް ކުރަމުން ކަމަށެވެ. އެގޮތުން ތެލާއި އައިސް ކްރެޑިޓަށް ފޯރުކޮށްދިނުމާއި، މަސްވެރީންނަށް ނުދެވި ހުރި ފައިސާ ހޯދައި ހަލާސްކުރުމާއި، މިހާރު ލިބޭ ބިލްތަކަށް އަވަސް މުއްދަތެއްގެ ތެރޭގައި ފައިސާ ދެވޭނެ ގޮތްތައް ހޯދުން ހިމެނޭ ކަން ފާހަގަކޮށްފައިވެ އެވެ.

"މީގެ އިތުރުން މިފްކޯ އެފިޝެންސީ އެކްސަސައިޒްގެ ތެރެެއިން ކުންފުނީގެ ހިންގުން ހަރުދަނާކޮށް، އަޅަންޖެހޭ ފިޔަވަޅުތައްވެސް ކުންފުނިން އަޅަމުން އަންނަނީ މަސްވެރި އާއިލާއަށް ފަހިގޮތްތަކެއް ހޯދައިދިނުމުގެ މަގްސަދުގައެވެ." މިފްކޯގެ ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު