ޚަބަރު
ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށް ނާރާ: ޝުޖާއު
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ސިޔާސީ މަގާމުތައް 700 އަށްވުރެ މަދުކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ ދައުލަތުގެ ދަރަންޏާބެހޭ ބިލްގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

އޭނާ ވަނީ މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ އިތުރު ނުކުރާކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ވިދާޅުވީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 1،400 އަށްވުރެ އިތުރު ކަމަށެވެ.

"ސާދަ ސަތޭކައަށްވުރެ ގިނަ ސިޔާސީ މަގާމުތައް އެމްޑީޕީ ވެރިކަމުގައި އުފައްދާފައި އޮތް. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދަކީ 700 އަށް ނޭރުވުން. ނާރުވަން. އަރުވާފަ ނޯންނާނެ. 700 އަށްވުރެ މަދުވާނެ އެއަށްވުރެވެސް މަދުކުރެވޭތޯ މި އުޅެނީ،" ޝުޖާއު ވިދާޅުވި އެވެ. 

ރައީސް މުއިއްޒުގެ ސަރުކާރުގެ ސިޔާސީ މަގާމުތައް 700 އަށްވުރެ މަދުވާނެ ކަމަށް ޝުޖާއު ވިދާޅުވިއިރު، މިސަރުކާރުގެ ސިޔާސީ މަގާުތަކުގެ އަދަދު ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މިސަރުކާރުން އެކި މިނިސްޓްރީތަކަށް ގިނަ އަދަދެއްގެ ޑެޕިއުޓީ މިނިސްޓަރުން އަދި ސިޔާސީ މަގާމުތަކަށް ގިނަ ބަޔަކު ނަގާފައިވާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޑުކިޔުން އަމާޒުކޮށްފައިވެއެވެ.

ރައީސް މުއިއްޒު މިފަހުން ވަނީ ސިޔާސީ މަގާމުތަކުގެ އަަދަދު މަދު ކުރުމަށްވެސް ނިންމަވާފައެވެ. އެގޮތުން 400 އަށްވުރެ ގިނަ ފަރާތްތަައް މަދު ކުރުމަށް ނިންމާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު