ކަރަންޓު ކޭބަލެއް ވަގަށް ނެގުމުން، މަޖީދިއްޔާ ސްކޫލުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެ
އަލީ ރާޒީ
02 ޖުލައި 2024 - 10:44
0 comments
ކަރަންޓު ކޭބަލް ބުރިކޮށް ގެންދަން މަސައްކަތް ކޮށްފައި.-- ފޮޓޯ: ސްޓެލްކޯ
ޓްރާންސްފޯމަރެއްގެ ކޭބަލެއް ވަގަށް ނެގުމުން، މަޖީދިއްޔާ ސްކޫލު ހިމެނޭހެން އެ ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.ކަރަންޓު ކެނޑިފައި ވަނީ މަޖީދިއްޔާ ސްކޫލު ހިމެނޭހެން، ހެންވޭރުގެ އަބަދަށްފެހި މަގާއި މެދުޒިޔާރަތް މަގު، ކަޅުހުރާ މަގު އަދި ކަރަންކާ މަގުގެ ބައެއް ގެތަކުންނެވެ.ސްޓެލްކޯ އިން މިއަދު ބުނީ، އައު ކޭބަލެއް އަޅައި ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ތަންތަނަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ އެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލްތަކުގެ ތެރެއިން އެއް ކޭބަލް ބުރިކޮށް، ނެގުމަށް ފަހު އަނެއް ކޭބަލް ބުރި ކުރުމަށް މަސައްކަތް ކޮށްފަައިވާ ކަމަށެވެ."މިކަމުން ލިބެމުންދާ ގެއްލުންތަކުން ސަލާމަތް ކުރުމަށްޓަކައި މިފަދަ އަމަލުތައް ކުރާ ފަރާތްތަކާއި، މިކަން ކުރާ ފަރާތްތަކަށް ހިތްވަރަކަށް ވާގޮތަށް، ވަގަށް ނަގާފައިވާ މިފަދަ ތަކެތި ގަންނަ ފަރާތްތައް ހޯދައި ގާނޫނީ ގޮތުން އެފަދަ ފަރާތްތަކާއި މެދު އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ކަމާއި ބެހޭ ފަރާތްތަކުން އަޅަމުން ގެންދިޔުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް،" ފަހުމީ ވިދާޅުވި އެވެ.މަޖީދިއްޔާ ސަރަހައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ކޭބަލްތަކެއް ބުރިކޮށްލައިގެން، އެ ތަކެތި ވަގަށް ނެގި މައްސަލައެއް މިއަދު ހެނދުނު 06:12 ގައި ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.ސްޓެލްކޯގެ ޓްރާންސްފޯމާތަކުން ކޭބަލްތައް ވަގަށް ނެގުން ވަނީ އިތުރުވެފައިވާއިރު، އެ މައްސަލަތައް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެގޮތުން ކޭބަލަށް ވަގަށް ނަގަން އުޅެނިކޮށް މާޗު މަހު ހުޅުމާލޭގައި މީހަކު ވަނީ ކަރަންޓުގައި ޖެހި މަރުވެސް ވެފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު