ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރަކަށް ޑރ. އަޒްވަރު
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްކޮށް އޮތްތާ ހަތަރު މަސް ދުވަސް ފަހުން، އެ މަގާމަށް އެ ކުންފުނީގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ޑރ. އަލީ އަޒްވަރު މިއަދު އައްޔަނުކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ކަރަންޓް ފޯރުކޮށްދޭ މައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ސ. ފޭދޫ ނެސްޕްރޯވިލާ، އަޒްވަރު އައްޔަން ކޮށްފައިވާ ކަމަށެވެ.
އަޒްވަރު އެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އޭނާ މިހާތަނަށް ހުންނެވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން އެ ކުންފުނި ހިންގުމާ ހަވާލުވެ ވަޑައިގެންނެވެ.
އޭނާ އެ ކުންފުނި ހިންގުމާ މިދިޔަ ޖެނުއަރީ މަހު ހަވާލުވެ ވަޑައިގަތީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި އެންމެފަހުން ހުންނެވި އަހުމަދު ޝަމާހު ރަޝީދު މިދިޔަ ޖެނުއަރީ މަހު މަގާމުން ވަކިކުރުމުންނެވެ. ޑރ. އަޒްވަރަކީ ހަކަތައިގެ ދާއިރާގައި 29 އަހަރުގެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ، އަދި އެ ދާއިރާގެ ސިޔާސަތުތައް އެކުލަވައިލުމުގެ ބޮޑު ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން 1997ވަނަ އަހަރު ޓްރޭނީއެއްގެ ގޮތުގައި ސްޓެލްކޯއާ ގުޅިވަޑައިގަތް ޑރ. އަޒްވަރު ވަނީ އެ ކުންފުނީގެ ފަންނީ އަދި އިދާރީ އެކި ފަންތީގެ މަގާމުތައް ފުރުއްވާފަ އެވެ.