އުރީދޫ އާއި ޕީއެސްޖީ އެކެޑަމީ ގުޅިގެން ފުޓުބޯޅަ ކޯޗިން ކްލިނިކެއް ބާއްވައިފި
އަލީ ރާޒީ
05 ޖުލައި 2024 - 14:45
0 comments
ޕީއެސްޖީ އެކަޑަމީއާއި ގުޅިގެން ބޭއްވި ސެޝަނެއްގެ ތެރެއިން - ފޮޓޯ/ އުރީދޫ
ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ގެ ލެޖެންޑް ޖޭ-ޖޭ އޮކޯޗާއާއި ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ޑިޑިއޭ ޑޯމީ ރާއްޖެއަށް ކުރަމުން އަންނަ ދަތުރުގެ ތެރެއިން، ޕީއެސްޖީ އެކެޑަމީން ރާއްޖޭގައި ޚާއްސަ ކޯޗިން ކްލިނިކެއް ބާއްވައިފި އެވެ. މި ހަރަކާތަކީ މިދިޔަ ބުދަ ދުވަހު ކުރިއަށް ގެންދިޔައީ މާލޭގެ ސިންތެޓިކް ޓްރެކްގަ އެވެ.
އުރީދޫން ބުނީ، މި ކޯޗިން ކްލިނިކްގެ މަގްސަދަކީ ފުޓްބޯޅައަށް ޝައުގުވެރިވާ ޒުވާން ކުޅުންތެރިންނަށާއި ކޯޗުންނަށް، ކުޅިވަރުގެ އެންމެ ހުނަރުވެރި އަދި ޝަރަފުވެރި ޕީއެސްޖީ އެކެޑަމީގެ ކޯޗުންގެ ކިބައިން އުނގެނުމުގެ ޚާއްސަ ފުރުސަތެއް ފަހިކޮށްދިނުން ކަމަށެވެ.ޕީއެސްޖީ އެކަޑަމީގެ ކޯޗުން ކަމަށްވާ ސިރިލް ކްލޮސެކް އާއި އެޑުއާޑޯ ސަންޓޯސްގެ ތަޖުރިބާކާރު އިރުޝާދުގެ ދަށުން ފުޓްބޯޅައަށް ޝައުގުވެރިވާ 120 ޒުވާން ކުޅުންތެރިން ބައިވެރިވި މި އެކްސްކްލޫސިވް ކޯޗިން ކްލިނިކްގައި އެ ކްލަބުގެ އުކުޅުތައް ދަސްކުރުމުގެ ފުރުސަތު ދިނެވެ. ކުރީގެ ކުޅުންތެރިޔާ އަދި ގަތަރުގެ ޕީއެސްޖީ އެކަޑަމީގެ މިހާރުގެ ޓެކްނިކަލް އެޑްވައިޒަރު ޑިޑިއޭ ޑޯމީވެސް މި ކޯޗިން ކްލިނިކުގައި ބައިވެރިވި އެވެ.
މީގެއިތުރުން، ޒުވާން ކުޅުންތެރިންނަށް އުނގަންނައިދެވޭނެ ފަދަ ތަމްރީނުތަކާއި ތަރައްގީގެ ހުނަރުތައް ދިވެހި ކޯޗުންނަށް ދަސްކޮށްދީ، ޓްރެއިނިން ސެޝަނެއް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް އުރީދޫން މައުލޫމާތުދެއެވެ. އަދި، ކޯޗިން ކްލިނިކް ސެޝަންތަކުގައި، ޕީއެސްޖީގެ މެތަޑޮލޮޖީގެ ސަބަބުން ޒުވާން ކުޅުންތެރިންގެ ފުޓްބޯޅަ ޓްރެއިނިންތައް ސްޓްރަކްޗާ ކުރާނެ ގޮތްތައް ދިވެހި ކޯޗުންނަށް ދަސްކޮށްދެވުނު ކަމަށް އުރީދޫން ބުންޏެވެ.އިތުރަށް އުރީދޫން ބުނީ، ޕީއެސްޖީ އެކެޑަމީ ސެޝަންތަކަކީ ފުޓްބޯޅައިގެ ހުނަރު ތަރައްގީކޮށް، ޓީމްވޯކް ކުރިއަރުވައި، އަންނަން އޮތް ޖީލުގެ ފުޓްބޯޅަ ކުޅުންތެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ސެޝަންތަކެއް ކަމަށެވެ. މި ސެޝަންތަކުގައި ޖޭޖޭ އޮކޯޗާ އަމަލީ ގޮތުން ބައިވެރިވެ، އޭނާގެ އަގުހުރި ޚިޔާލާއި ތަޖުރިބާތައް ޒުވާން ކުޅުންތެރިންނާ ހިއްސާކުރިކަން އެ ކުންފުނިން ފާހަގަކުރި އެވެ.
ކިޔުންތެރިންގެ ޝުއޫރު