ޚަބަރު
ވެރިކަން ކުރުމުގެ ވައްޓަފާޅިއާމެދު އަލުން ވިސްނައި، ބަދަލުތައް ގެންނަންޖެހޭ: ނާޒިމް
މިއަދުގެ ރަސްމިއްޔާތުގައި ނާޒިމް ވާހަކަ ދައްކަވަނީ:
ރާއްޖޭގެ ވެރިކަމުގެ ނިޒާމު އޮތީ ހަރަދު ބޮޑު އަދި އެ ނިޒާމުން އެންމެ ރަނގަޅު ނަތީޖާއެއް ނުކުންނަ ގޮތަކަށް ނޫން ކަމަށާއި އެހެންކަމުން އެކަމާ މެދު ވިސްނައި ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމު މިހެން ވިދާޅުވީ މަޖިލީހުގެ މެންބަރުންނަށް އަމާޒުކޮށްގެން ވެސްޓްމިންސްޓަ ފައުންޑޭޝަން ފޯ ޑިމޮކްރަސީން ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުން ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ނާޒިމް ވިދާޅުވީ ވިހި ވަނަ ރައްޔިތުންގެ އާ މެންބަރުންތަކަކާ އާ ޒިންމާތަކެއް ހަވާލުކުރީ އާ ވިސްނުންތަކަކާއެކު، އެ ޒިންމާތައް އަދާކުރެއްވުމުގެ އުއްމީދުގައިކަމަށެވެ. އެހެންވެ، ހުރިހާ މެންބަރުންވެސް އެބޭފުޅުންގެ ޒިންމާތައް އަދާ ކުރައްވައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދެވުމަށް އިސްކަން ދެއްވަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ، އައު ޤާނޫނު އަސާސީގެ ހިޔާވަހިކަމުގައި 2008ން ފެށިގެން ދިވެހި ގައުމު 15 އަހަރު ވޭތިކޮށްފައިވާއިރު ގާނޫނު އަސާސީ ތަންފީޒުކުރުމުގައި ކާމިޔާބީ ހާސިލުކޮށްފައިވާ މިންވަރާއި ދައުލަތުން ކޮށްފައިވާ ހޭދައާ މެދު ވިސްނުން ހިންގާލަން ޖެހޭ ކަމަށެވެ. އަދި މިއަދުގެ ހާލަތަށް ބަލައި މާލީ ޒިންމާދާރުކަން ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، އަޅަންޖެހޭ ބައެއް އިސްލާޙީ ފިޔަވަޅުތައްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެގޮތުން، ވެރިކަން ކުރުމުގެ ވައްޓަފާޅިއާމެދު އަލުން ވިސްނައި، ބަދަލުތައް ގެނެސް، ކަންކަން އިސްލާހުކޮށް، ބައެއް ކަންކަން އަލުން މުރާޖައާ ކުރަން ޖެހޭކަމަށް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތުގައި ހާމަކަން ބޮޑު އަދި ޖަވާބުދާރީ ކުރުވަނިވި ނިޒާމަކަށް ހެދުމަށް ކޮމިޓީތަކުގެ މަސައްކަތްތައް ހަރުދަނާކޮށް ފާރަވެރިވުން ދަމަހައްޓަން ޖެހެ އެވެ. އަދި ކަންކަން ނިންމުމުގައި އާންމު ރައްޔިތުންގެ ބައިވެރިކުރުން އިތުރު ކުރަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. އިލްމީ ދިރާސާގެ އަލީގައި ނިންމުންތައް ނިންމުމަށާއި ހަރުދަނާ މަޝްވަރާތަކުގެ ތެރެއިން ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމުގައި މެންބަރުންގެ ދައުރު މިހާރަށް ވުރެން ބޮޑަށް ފުޅާކުރަން ވެސް ނާޒިމް އެދިވަޑައިގެންނެވި އެވެ.

ނާޒިމް ވިދާޅުވީ މަޖިލީހުގައި ޑިމޮކްރެޓިކް އަސާސްތައް ދަމަހައްޓައި، ގައުމީ ލަނޑުދަނޑިތައް ހާސިލުކުރުމަށް އދ. ގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކަށް ރިއާޔަތްކޮށް، އެކުވެރި މާހައުލެއްގައި މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.

ނާޒިމު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ތިއްބެވި ނަމަވެސް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަން ވާނީ ސިޔާސީ ހިޔާލުތަފާތުވުންތައް އެއް ފަރާތްކޮށްގެން ރައްޔިތުންނަށްޓަކައި އަދި ނަތީޖާވެސް ނެރެވޭ ގޮތަށް ކަމަށެވެ.

"އަޅުގަނޑުމެން ކުރިއަށް ދާން ޖެހޭނީ ހަގީގީ މާނައިގައި ރައްޔިތުންގެ އިހުސާސްތަކާއި އުންމީދުތައް ތަމްސީލުކުރާ މަޖިލީހެއް ދެމެހެއްޓުމަށް މަސައްކަތް ކުރަމުން،" ނާޒިމް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު