ޚަބަރު
އޭސީސީ އަށް ދުވަހަކު ވެސް ނަތީޖާއެއް ނުނެރެވޭ: މަޖިލީހުގެ ނައިބު ރައީސް
މަޖިލީހުގެ ނައިބު ރައީސް ނާޒިމް: އޭސީސީއަށް ދުވަހަކު ވެސް ނަތީޖާއެއް ނުނެރެވޭ ކަމަށް އޭނާ ވިދާޅުވި -
ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ފެންމަތި ވިޔަސް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ ބަހުގެ ހޫނު ހަމަލާތަކެއް އެ ކޮމިޝަނަށް މިއަދު އަމާޒު ކުރައްވައިފި އެވެ.

މިއަދު އޮތް މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ވަނީ އޭސީސީގެ ބޭފުޅުން ހާޒިރުކޮށްފައެވެ. މި ކޮމިޓީގައި ނާޒިމް ވިދާޅުވީ، އޭސީސީން ތަހުގީގުކުރާ މައްސަލަތައް ގިނަ ދުވަސްތަކަކަށް ދެމިގެންދާ ކަމަށެވެ. އަދި އޭސީސީން މައްސަލައެއް ބަލަން ފެށުމުން އެ މައްސަލަ އެހެން ބަޔަކަށް ނުބެލޭ ކަމަށާއި، އޭސީސީން މައްސަލަތައް ހިފައްޓަނީ ކަމުގައި އޭނާ ތުހުމަތު ކުރެއްވި އެވެ.

"އެހެންވެއްޖެކަމަށް ވަންޏާ ތިބޭފުޅުން ވަރަށް ބޮޑު މެންޑޭޓެއް ހިފައްޓަވައިގެން އެކަން ނުކުރައްވާ ތި ތިބެނީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ސުވާލު އުފެއްދެވި އެއް ކަމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަންގެ އެތައް މައްސަލައެއް އޭސީސީ އަށް ލިބެމުން ދިޔައިރު އަދި ފެނަކައިގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މަގާމުން ދުރުކުރަން އެދުމުގެ ފުރުސަތު އޭސީސީއަށް އޮތަސް އޭރު އެ ކޮމިޝަނުން އެއްވެސް ކަމެއް ނުކޮށް ތިބި މައްސަލައިގަ އެވެ.

"ތި ބޭފުޅުން އަތްމައްޗަށް ކޮންމެ ދުވަހަކު މައްސަލަތައް އައިސް އައިސް، އެންމެ ފަހުން ވެރިކަން ނިމިގެން ހަތަރު ބިލިއަން ރުފިޔާ ގެއްލުނު ފަހުން އަޅުގަނޑު މި ސުވާލު ކުރަނީ. ތިޔަ ވިދާޅުވީ އެ ބާރު އޮތޭ. ކީއްވެގެންތޯ އެ ބޭފުޅާ [ފެނަކަ ސައީދު] އެއްކައިރި ނުކުރެވުނީ ތި ބޭފުޅުންނަށް،" ވަރަށް ބޮޑަށް ހިތްހަމަނުޖެހުމާ އެކު ނާޒިމް ވިދާޅުވި އެވެ.

ޖަވާބުގައި އޭސީސީން ބުނީ އޭރުގެ ރައީސް އިބްރާހިމަށް މުހައްމަދު ސޯލިހުގެ ސަމާލު ކަމަށް އެކަން އޭސީސީން ގެނައި ކަމަށެވެ. ޕްރައިވެޓައިޒޭޝަން ބޯޑާއި އެހެން މުއައްސަސާތަކުގެ ސަމާލު ކަމަށް ވެސް ގެނެސްފައިވާނެ ކަމަށް އޭސީސީން ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު