މިހާރު ތަންފީޒު ނުވިޔަސް، ރާއްޖޭގައި މަރުގެ އަދަބު އުވައިނުލެވޭނެ: ސަރުކާރު
އަހުމަދު ނިހާން
11 ޖުލައި 2024 - 16:41
0 comments
އިހުސާން، އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގައި ވާހަކަ ދައްކަވަނީ
ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ފަރުމާކޮށްފައި އޮތް ގޮތުން މަަރުގެ އަދަބު ރާއްޖޭގެ ގާނޫނީ ނިޒާމުން އުވައިނުލެވޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގައި، އިންސާނީ ހައްގުތަކާބެހޭ ޔުނިވާސަލް ޕީރިއަޑިކް ރިވިއު ހާމަކުރުމަށް ސްވިޓްޒަލޭންޑްގެ ޖެނީވާގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ ރާއްޖޭގެ މަރުގެ ހުކުމް އިއްވަނީ ގާނޫނުތަކުގެ ދަށުން ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނު އަސާސީގެ މައިގަނޑު މަސްދަރަކީ އިސްލާމީ ޝަރީއަތް ކަމަށްވާތީ، ރާއްޖޭގައި މަރުގެ އަދަބު އުވާލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އިހްސާން ވިދާޅުވި އެވެ."ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތައް ބިނާވަނީ އިސްލާމްދީނުގެ އަސާސްތަކުގެ މައްޗަށް. ރާއްޖޭގެ ގާނޫނުތަކުގައިވާ ގޮތުން މީހަކަށް މަރުގެ ހުކުމް އިއްވޭނީ ވެސް ވަރަށް މަދު ހާލަތެއްގައި. މިއީ ރައްޔިތުން ބޭނުންވާ ގޮތަށް ހެދިފައި ހުރި ގާނޫނުތަކެއް. އެހެންވެ، މަރުގެ އަދަބު ދިނުން އުވާލުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް،" އޭނާ ވިދާޅުވި އެވެ.މަރުގެ އަދަބު ތަންފީޒުކުރުމަށް ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ނިންމުމާ ގުޅިގެން މާފުށީ ޖަލުގައި އެކަމަށް ހާއްސަކޮށް ތައްޔާރުކުރި ފެސިލިޓީއާ ގުޅޭ ގޮތުން ކޮމިޓީގެ އެކްސްޕާޓުން ސުވާލު ކުރެއްވި އެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން އިހުސާން ވިދާޅުވީ އެއީ ރާއްޖޭގެ ގާނޫނީ އޮނިގަނޑުގައި މަރުގެ އަދަބު އޮތުމުން ހުންނަންޖެހޭ ތަނެއް ކަމަށެވެ. ނަމަވެސް މިހާތަނަށް އެ ފިސިލިޓީގައި އެއްވެސް މީހެއްގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކޮށްފައި ނެތްކަން އިހުސާން ފާހަގަކުރެއްވި އެވެ.މިނިސްޓަރު އިތުރަށް ވިދާޅުވީ މިވަގުތު މަރުގެ އަދަބު އިއްވާފައިވާ 16 މީހަކު ރާއްޖޭގައި ތިބިއިރު އެއިން ހަތަރު މީހެއްގެ މައްޗަށް އިއްވި ހުކުމް އިސްތިއުނާފުގެ ހުރިހާ މަރުހަލާއެއް ނިމި ނިހާއީ ހުކުމްތަކަކަށް ވެފައިވާ ކަމަށެވެ. ނަމަވެސް 1954 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެއްވެސް މީހެއްގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކޮށްފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.ރާއްޖޭގައި އެންމެ ފަހުން މަރުގެ އަދަބެއް ދިނީ 1954 ވަނަ އަހަރު ރައީސް މުހައްމަދު އަމީންގެ ވެރިކަމުގަ އެވެ. އެއީ އޭރުގެ ގއ. އަތޮޅުގެ އަތޮޅުވެރިޔާއަށް ވިހައެއް ދީގެން މަރާލި މައްސަލާގައި ކުށް ސާބިތުވި މީހެއްގެ މައްޗަށެވެ. އޭނާއަށް މަރުގެ އަދަބު ދިނީ ބޮލަށް ބަޑި ޖަހައިގެންނެވެ.އޭގެފަހުން މަރުގެ އަދަބު ތަންފީޒު ނުކުރިޔަސް، މަރުގެ މައްސަލަތަކުގައި މަރުގެ ހުކުމްތައް އިއްވަ އެވެ.
ކިޔުންތެރިންގެ ޝުއޫރު