ވިޔަފާރި
އުރީދޫ މަސްރޭސް މި އަހަރު ރާއްޖޭގެ ތިން ރަށެއްގައި
އުރީދޫގެ މަސް ރޭސް މި އަހަރު ބާއްވާނެ ކަން އިއުލާންކޮށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އުރީދޫން ބުނީ، އުރީދޫ މޯލްޑިވްސްގެ 19ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެގޮތުން މިއަހަރުގެ މަސްރޭސް އޯގަސްޓް މަހު ބޭއްވުމަށް ހަމަ ޖެހިފައިވާ މި މުބާރާތް ވެގެން ދާނީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ކުލަ ގަދަ މަސްވެރިކަމުގެ މުބާރަތަށް ކަމަށެވެ.

އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ މަސްރޭސް ކ. ހިންމަފުށި، ޅ. ނައިފަރު އަދި ގދ. ތިނަދޫ ސިޓީގައި ކުރިއަށް ގެންދަން ނިންމާފައި ވެއެވެ.

ޓީމުތައް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި ވާދަކުރެވޭނީ ކެޕްޓަނާއި އޮފިޝަލުން ހިމެނޭ ގޮތަށް 8 މެމްބަރުންނާއި 12 މެމްބަރުން ހިމެނޭ ޓީމުތަކަށެވެ.

އުރީދޫން ބުނީ މަސްރޭހުގައި ކޮންމެ ހިސާބަކުން ވެސް އެންމެ ގިނަވެގެން 16 ޓީމު ވާދަކުރާނެ ކަމަށެވެ. އަދި 16 ޓީމަށް ވުރެ ގިނައިން ރަޖިސްޓްރީ ވެފައިވާ ނަމަ ބައިވެރިވާ ޓީމުތައް ހޮވަން ގުރުއަތު ނަގާނެ ކަމަށާއި ގުރުއަތުން ނުހޮވޭ ޓީމުތަކަށް ފުލް ރިފަންޑް ދޭން ނިންމާފައިވާ ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގެ ތިން ރަށެއްގައި މި އަހަރުގެ އުރީދޫ މަސްރޭސް ބާއްވަން ނިންމީ މި ރޭހުގެ ފޯރި އާއި އުފާވެރިކަމުގައި ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދޭން ކަމަށެވެ. އަދި މި ރޭހަކީ ކޮންމެ އަހަރަކު ވެސް ހޫނު ތަރުހީބެއް ލިބޭ މުބާރާތެއްކަން ފާހަގަކޮށް މި މުބާރާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވާން އޭނާ ގޮވާލެއްވި އެވެ.

އުރީދޫ މަސްރޭސް އަކީ މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިންއެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ އަދި މުޖުތަމައުތަކުގެ ހިތްތަކުން ޖާގަ ހޯދާފައިވާ ހަރަކާތެކެވެ.

މި މުބާރާތަށް ޖުމްލަ 126،000ރ. ވަނީ ހުށަހަޅައިފަ އެވެ. އެއް ވަނަ ޓީމަށް ހުށަހަޅާފައި ވަނީ 25،000ރ. އެވެ. ދެ ވަނަ އަށް 10،000ރ. ހުށަހަޅާފައި ވާއިރު، ތިން ވަނަ އަށް ހުށަހަޅާފައި ވަނީ 5000ރ. އެވެ. އަދި އެންމެ މޮޅު މަސްވެރިޔާއަށް 1000ރ. ހުށަހަޅާފައިވާއިރު އެންމެ މޮޅު ފިޝާވުމަން އަށް ވެސް 1000ރ. ވަނީ ހުށަހަޅައިފަ އެވެ.

މިދިޔަ އަހަރު އުރީދޫގެ މަސް ރޭސް އޮތީ މާލެ އާއި އައްޑު އާއި ފުވައްމަލަކުގެ އިތުރުން ހދ. ކުޅުދުއްފުށީގަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު