ޚަބަރު
ކަރަންޓު ބިލް ބޮޑުވާތީ އެމްއެންޔޫ އާއި ސްޓެލްކޯ ގުޅިގެންން ދިރާސާއެއް ހަދަނީ
އެމްއެންޔޫއާ ސްޓެލްކޯއާ ގުޅިގެން ހަކަތައާ ބެހޭ އިލްމީ ދިރާސާތަކެއް ކުރުމަށް ފަހުމުނާމާގައި ސޮއިކުރުން
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްއާ (ސްޓެލްކޯ) ގުޅިގެން ކަރަންޓު ބިލު ބޮޑުވާމައްސަލައާ ގުޅޭ އިލްމީ ދިރާސާތަކެއް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ސްޓެލްކޯ އާއި އެމްއެންޔޫއިން އެއްބަސްވުމެއްގައި މިއަދު ސޮއިކުރީ 2014 އިން ފެށިގެން މިއަހަރާ ހަމައަށް ސްޓެލްކޯއިން ދޫކުރި ކަރަންޓު ބިލުތަކުގެ ފުރިހަމަ ތަހުލީލީ ދިރާސާއެއް ހެދުމަށްފަހު އާންމު ކުރުމަށެވެ.

އެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން ފަހުމީ އެވެ. އެމްއެންޔޫގެ ފަރާތުން ސޮއިކުރީ އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. އައިޝަތު ޝެހެނާޒް އާދަމް އެވެ.

އެ ދިރާސާއިން ދެނެގަނެވޭނެ ކަންތައްތަކަކީ:

  • • ކަރަންޓު ބޭނުންކުރާ ވައްޓަފާޅި
  • • ބިލްކުރުމުގެ ސައްހަކަން ވަޒަންކުރުން
  • • ހަކަތައިގެ ކުރުންތެރިކަން (އެނަރޖީ އެފިޝަންސީ) އިތުރުކުރުމަށް ހުރި ފުރުސަތުތައް ދެނެގަތުން
  • • ކަސްޓަމަރުންގެ ހިތްހަމަޖެހުން
  • • މާލީ ގޮތުން މަސައްކަތް ކުރެވޭ ފެންވަރު
މީގެ އިތުރުން، ކަރަންޓު ބޭނުންކުރާ ވައްޓަފާޅި ނުވަތަ ކޮންސިއުމަންޓް ޕެޓާންސް ދެނެގަނެ މޫސުމީ ބަދަލުގެ ސަބަބުން ކަރަންޓު ބޭނުން ކުރާ ވައްޓަފާޅިއަށް އަންނަ ބަދަލު ދިރާސާކޮށް، ބިލްކުރުމުގެ ނިޒާމުގައި ހާމަކަން ބޮޑުކަމާއި ސައްހަކަން އަދި ކަސްޓަމަރުންގެ ހިތްހަމަޖެހުން އިތުރުކުރުމަށް ކުރެވިދާނެ ކަންތައް ދެނެގަތުމަކީ ވެސް މި ދިރާސާގެ ބޭނުމެއް ކަމަށް ސްޓެލްކޯ އިން ބުންޏެވެ. 

އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަހުމީ ވިދާޅުވީ ކަރަންޓު ބިލާ ގުޅޭގޮތުން ހިޔާލު ތަފާތުވުންތައް އެބަހުރި ކަމަށެވެ. އެހެންވެ އޭނާ ވަނީ ކަރަންޓު ބިލް ބޮޑުވާ މައްސަލާގައި އިންސާފުވެރިކަމާއެކު އިލްމީ ދިރާސާއެއް ކޮށްފައި ޕަބްލިޝް ކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

"މިކަމަށްޓަކައި އަޅުގަނޑުމެން ކޮށްދެއްވާނެކަމަކީ އެއްވެސް ހިފެހެއްޓުމެއްނެތި، އަޅުގަނޑުމެނަށް ލިބެން ހުރި ހުރިހާ މައުލޫމާތެއް ދީ، ރައްޔިތުންނަށް އެކްސެސް ކުރުމުގެ ފުރުސަތު ދެއްވާނަން. އެކަމުގައި ނޯންނާނެ މިނެއް.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝެހެނާޒް ވަނީ ސްޓެލްކޯއިން އިސްނަންގަވައިގެން ހަކަތައާ ބެހޭ އިލްމީ ދިރާސާތަކެއް ކުރުމަށް ރާއްޖޭގެ ގައުމީ ޔުނިވާސިޓީއަށް އިތުބާރުރަން ނިންމެވިކަމަށްޓަކައި ސްޓެލްކޯއަށް ޝުކުރު ދަންނަވާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު