ޚަބަރު
މާލީ އިދާރާތަކުގެ ބޯޑުތަކަށް ސިޔާސީ މީހުން ލުމުން ނޭދެވޭ އަސަރުކުރާނެ
މި ސަރުކާރުގެ މާލީ ސިޔާސަތުތައް މިހާރު ބައްޓަންކުރަމުން އަންނަ ގޮތުގެ ސަބަބުން ރާއްޖެއަށް ފައިސާގެ އެހީތެރިކަން ފޯރުކޮސްދޭ ފަރާތްތަކުން ކުރާ އިތުބާރަށް ނޭދެވޭ އަސަރުކުރާނެކަމަށް ކުރީގެ އިގްތިޞާދީ ވަޒީރު ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވެއްޖެ އެވެ.

ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތައް އަދި މާލީ ކުންފުނިތަކުގެ ކޯޕަރޭޓު ގަވަނެންސް ގަވާއިދަށް ގެނައި ބަދަލާ ބެހޭ ގޮތުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާތަނަށް އެއްވެސް ސަރުކާރަކުން އެގޮތަށް އެކަން ނުކުރީ މާލީ ނިޒާމުގެ އިންޓެގްރިޓީ ހިފެހެއްޓުމަށް ކަމަށެވެ.  

"މި ސަރުކާރުން މިފެންނަނީ މާލީ ނިޒާމު އެތައް އަހަރުތަކެއް ފަހަތަށް ޖައްސާލާ މަންޒަރު. ދައުލަތުގެ ހިސާބުތަކާއި މާލީ ހާލަތުގެ ރިޕޯޓުތައް ހާމަކުރަން އިންކާރުކޮށް ސިއްރުވެރި ދައުލަތެއް ގާއިމުކުރުމަށް މިސްރާބު ޖަހާފައި ހުރިތަން، މިއީ އެތެރޭގެ އަދި ބޭރުގެ ލެންޑަރުން އަދި އިންވެސްޓަރުންގެ ކޮންފިޑެންސަށް އަނެއްކާވެސް ނޭދެވޭ އަސަރުކުރާނެ ސިޔާސަތުތަކެއް،" ފައްޔާޒު ލިޔުއްވާފައިވެ އެވެ.

އެމްއެމްއޭއިން މިދިޔަ ބުރާސްފަތި ދުވަހު ބޭންކުތަކުގެ ކޯޕަރޭޓް ގަވަނަންސް ރެގިއުލޭޓް ކުރާ ގަވާއިދު އިސްލާހުކޮށްފައިވާ ގޮތުން ބޭންކުތަކުގެ ބޯޑަށް ނުލެވޭނީ ސަރުކާރުގެ މިނިސްޓްރީއެއް ހިންގަވާ އެންމެ އިސް ފަރާތް ނުވަތަ ކެބިނެޓުގެ މެންބަރަކަށެވެ.

އެ ގަވާއިދުގައި ކުރިން ބުނެފައިވާ ގޮތުން، ސަރުކާރު ނުވަތަ ސަރުކާރުގެ ޑިޕާޓްމަންޓަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައިވާ އެއްވެސް މީހަކު ބޭންކު، އިންޝުއަރެންސް ނުވަތަ ފައިނޭންސް ކުންފުންޏެއްގެ ބޯޑަށް އައްޔަން ނުކުރެވޭނެ އެވެ.

ފައްޔާޒުގެ އިތުރުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވެފައިވެ އެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި މިއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ނުފޫޒު ފޯރުވުމުގެ ގޮތުން ގަވާއިދަށް ގެނައި ބަދަލެކެވެ.

ބޭންކުތަކުގެ ކޯޕަރޭޓް ގަވަނަންސް ރެގިއުލޭޓް ކުރާ ގަވާއިދު އެމްއެމްއޭއިން އިސްލާހު ކުރީ އެ އިދާރާގެ ގަވަރުނަރުގެ މަގާމަށް އަހުމަދު މުނައްވަރު އައްޔަނު ކުރެއްވުމާއެކު ގެންނަމުންދާ ބޮޑެތި ބަދަލުތަކުގެ ތެރެއިންނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު