ވިޔަފާރި
މީރާއަށް 2.93 ބިލިއަނުގެ އާމްދަނީއެއް
މިދިޔަ ޖުލައިމަހު 2.93 ބިލިއަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް މޯލްޑިވްސް އިންލަންޑު ރެވެނިއު އޮތޯރިޓީ، މީރާއިން ހާމަކޮށްފި އެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި، އެއީ މީރާއިން ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 16.4 އިންސައްތަ އިތުރު އަދަދެކެވެ. ނަމަވެސް މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު 17.1 އިންސައްތަ ދަށް އަދަދެކެވެ.

މީރާއިން ބުނީ އަންދާޒާކޮށްފައިވާ އަދަދަށް ވުރެ ލިބުނު އާމްދަނީ އިތުރުވެފައިވާ ސަބަބުތަކުގެ ތެރޭގައި މިދިޔަ އަހަރާ އަޅައިބަލާއިރު، މިއަހަރުގެ އެ މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 2.4 ޕަސެންޓް އިތުރުވުން ހިމެނޭ ކަމަށެވެ. އެއާއެކު ޓީޖީއެސްޓީ އާމްދަނީ އިތުރުވެފައިވާ މީރާއިން ބުނެފައިވެ އެވެ.


ޖުލައި މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އާމްދަނީން ނަގާ ޓެކުހެވެ. އެ ގޮތުން އިންކަމް ޓެކުހުގެ ގޮތުގައި 1.47 ބިލިއަން ރުފިޔާ މީރާއަށް ބަލައިގަތްއިރު އެއީ ޖުލައި މަހު ލިބުނު ޖުމްލަ އާމްދަނީގެ 50 ޕަސެންޓެވެ.

ޖީއެސްޓީގެ ގޮތުގައި މީރާއަށް މިދިޔަ މަހު 997.31 މިލިއަން ރުފިޔާ ބަލައިގަތްއިރު އެއީ އެމަހުގެ އާމްދަނީގެ 33.3 ޕަސެންޓެވެ.

މީގެ އިތުރުން ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 116 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 77 މިލިއަން ރުފިޔާ އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 75 މިލިއަން ރުފިޔާ ބަލައިގަނެފައިވެ އެވެ. 

މީރާއިން ބުނީ މިއަހަރުގެ ޖުލައި މަހުގައި ބަލައިގެންފައިވާ އާމްދަނީގެ ތެރޭގައި 75.77 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު