ޚަބަރު
ކުރިން ނުދިން އިސްކަމެއް ތެލެސީމިއާގެ މައްސަލަ ހައްލުކުރަން ސަރުކާރުންދޭ: ފަސްޓްލޭޑީ
ރާއްޖޭގެ ތާރީޚުގައިވެސް ދެވިފައިނުވާފަދަ އިސްކަމެއް ތެލެސީމިއާގެ މައްސަލަ ހައްލުކުރަން މިސަރުކާރުން ދެއްވާކަމަށް ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.

މެޑަމް ސާޖިދާ މިފަދައިން ވިދާޅުވީ ދިހަ އަހަރު ދުވަހުގެ ތެލަސީމިޔާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓަރ ޕްލޭން އާއި ގުޅޭގޮތުން ކަމާއި ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކުރުމަށް ބާއްވާ މަސައްކަތު ބައްދަލުވުން ހުޅުވުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސްގެ އަނބިކަނބަލުން ވަނީ ތެލަސީމިޔާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓަރ ޕްލޭން ވެލިޑޭޝަން މަސައްކަތު ބައްދަލުވުމަކީ ވަރަށް މުހިންމު ޤައުމީ މަސައްކަތެއްގެ އިތުރުން އިންސާނީ ޚިދުމަތެއްކަން ފާހަގަކުރައްވާފަ އެވެ. އެކަމަނާގެ ވާހަކަފުޅުގައި ނިސްބަތުން މި ސަރަހައްދުގައި ދިވެހީންގެ ތެރޭގައި ތެލެސީމިއާގެ ހާލަތު އޮތީ އިތުރަށް ވިސްނައި ހޭލުންތެރިވާންޖެހޭ ފަދަ ޙާލަތެއްގައިކަން ފާހަގަކުރެއްވި އެވެ.

މެޑަމް ސާޖިދާ ވިދާޅުވީ ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ މަޢުލޫމާތުތަކަށް ބަލާއިރު، ތެލަސީމިއާގެ ހިތްދަތިކަން ތަޙައްމަލްކުރަމުންދާ ފަރާތްތަކަށް ރާއްޖޭގެ ތާރީޚުގައިވެސް ދެވިފައިނުވާފަދަ އިސްކަމެއް މިސަރުކާރުން ދެމުންގެންދާ ކަމަށެވެ.

އެގޮތުން އެންމެ ޒަމާނީ ޓެކްނޮލޮޖީ ޢިލްމާއިއެކު ފަރުވާއަށް ބޭނުންވާ މަތީފެންވަރުގެ އިންތިޒާމްތައް މިސަރުކާރުން އެބަ ހަމަޖައްސަވާ ކަމުގައި މެޑަމް ސާޖިދާ ވިދާޅުވިއެވެ. އަދި މިހާރުވެސް 955 ކުއްޖަކު ޞިއްޙީ މި ޙާލަތާ ގުޅިގެން ރަޖިސްޓަރީ ކުރެވިފައި އެބަ ތިބިކަމަށާއި، 666 ކުއްޖަކު ފަރުވާ ހޯދަމުންދާކަން އެކަމަނާ ފާހަގަކުރެއްވި އެވެ. މިއާއިއެކު ހުޅުމާލޭގައި ތެލަސީމިއާ އަށް ޚާޢްޞަ ހޮސްޕިޓަލް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދަވާކަން ވަނީ ފާހަގަކުރައްވާފަ އެވެ.

މި ސަރުކާރުކާރުން މި ބޮޑު ޤައުމީ މައްސަލައަށް ދެއްވާ ޚާއްޞަ އިސްކަމުގެ ތެރެއިން ވޭތުވެދިޔަ 8 މަސްދުވަހުގެ ތެރޭގައި 14 ކުދިން ރާއްޖޭން ބޭރަށް ބޯން މެރޯ ޓްރާންސްޕްލާންޓޭޝަން ހެދުމައްޓަކައި ފޮނުވާފައިވާކަމަށާއި، އޭގެ ތެރެއިން އެއް ކުއްޖަކު މިހާރު ފަރުވާ ފުރިހަމަކޮށް ހެޔޮ ޙާލުގައި އެނބުރި ރާއްޖެ އައިސްފައިވާކަން މެޑަމް ސާޖިދާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. މީގެ އިތުރުންވެސް ތެލެސީމިއާގެ ހާލަތު ރާއްޖޭގައި ރަނގަޅުކޮށް ޚިދުމަތްތައް ފުޅާކޮށް ތަރައްޤީކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށްވެސް އެކަމަނާގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވި އެވެ

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު