އެމްއެމްޕީއާރުސީގެ ހިޔާނާތް ސާބިތުވި އަދީބާއި ބައިވެރިންނަށް ލުއިދިން އެއްބަސްވުންތައް އުވާލައިފި
އަލީ ރާޒީ
19 ޖެނުއަރީ 2025 - 23:05
0 comments
އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ކޮރަޕްޝަންގެ މައްސަލާގައި އަމަލީ ގޮތުން ފައިސާ ދައުރުކުރުމުގައި ހަރަކާތްތެރިވި އެސްއޯއެފް ކުންފުނީގެ ފަރާތްތަކާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ އެކު ދައުލަތުން ހަދާފައިވާ އެއްބަސްވުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު އުވާލައިފި އެވެ.ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަށް އިއުތިރާފްވެ ކުށް ސާބިތުވި އަދީބާއި އެކަމުގައި އޭނާގެ ބައިވެރިންނަށް ލުއިދިނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގަ އެވެ. އެ ތަހުގީގު، ހިންގީ އެސެޓް ރިކަވަރީ ކޮމިޝަންގެ ނަމުގައި ކޮމިޝަނެއް އެކުލަވާލައި ތަހުގީގީ އިދާރާތައް ގުޅިގެންނެވެ.ޕީޖީ އޮފީހުން މިއަދު ބުނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހިމެނޭހެން ޖުމްލަ ހަތަރު މީހެއްގެ އިމިއުނިޓީ އެއްބަސްވުން ބާތިލްކޮށްފައިވާ ކަމަށެވެ. އެއީ:1. ހ. ސާމަރާ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު2. މ. ލޭންޑް އޮފް ގާޑެން، އަޙްމަދު އިޝްފާޙް ޢަލީ3. މ. ސެސްނާ، މުޙައްމަދު ޢައްލާމް ލަޠީފް4. ގ. އޮއިވާލި، މުޙައްމަދު ޙުސައިންމީގެކުރިން ވަނީ އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ޒިޔާތާއެކު ވެފައިވާ އިމިއުނިޓީ އެއްބަސްވުން 2022ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ނިމުމަކަށް ގެނެސްފައެވެ.މި އެއްބަސްވުންތަކުގެ ބޭނުމަކީ ޚިޔާނާތުގެ މައްސަލައިގެ ތަޙުޤީޤު ކުރިއަށްގެންދިއުމަށާއި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތަށް އެއްބާރުލުން ހޯދުމެވެ.އެހެން ނަމަވެސް އެ ބޭނުމާ އެއްގޮތަށް އެއްބަސްވުން ހަދައިފައިވާ މީހުންގެ ފަރާތުން މައްސަލައިގެ ތަހުގީގަށާއި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް އެކަށީގެންވާ އެއްބާރުލުން ލިބެމުން ނުދާކަމަށް ތަޙުޤީޤީ އިދާރާތަކުން މަޢުލޫމާތުދީފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.އެެހެންވެ މި އެއްބަސްވުންތައް ނިމުމަކަށް ގެންނަން ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ނިންމެވީ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.މި އެއްބަސްވުންތައް ނިމުމަކަށް ގެނައުމާއެކު، މި އެއްބަސްވުންތަކުގެ ސަބަބުން ކުރިއަށް ނުގެންދެވި ހުރި، އެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތަހުގީގު ކުރިއަށްގެންގޮސް ވީ އެންމެ އަވަހަކަށް ޕީޖީ އޮފީހަށް ހުށަހެޅުމަށް، ދިވެހި ފުލުހުންގެ ޚިދުމަތަށާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް އަންގަފައިވާ ކަމަށް ވެސް ޕީޖީން ބުންޏެވެ.އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަދީބާއި އެ ކުންފުނީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުލަތުން ދައުވާ ކުރި އެވެ. އެކަމަކު އިއުތިރާފް އެއްބަސްވުންތަކުގެ ސަބަބުން އަދީބަށް ވެސް ބޮޑެތި ލުއިތަކެއް ލިބުނެވެ.އަދީބުގެ މައްޗަށް ކުރު މުއްދަތެއްގެ ހުކުމެއް އަންނަ ގޮތަށް ދައުވާ އުފުލީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް، 54 ރަށް ދޫކޮށްގެން 150 ދައުވާއަކުން 800 އަހަރުގެ ޖަލު ހުކުމް ކުރެވޭނެ ވަރުގެ ހެއްކާއި ގަރީނާ ހުރި ކަމަށް ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވުމަށް ފަހު އެވެ.ހަތް ދައުވާއެއް އުފުލައި 20 އަހަރުގެ ހުކުމެއް އިއްވީ، އަދީބާއި ދައުލަތާ ދެމެދު ވީ ޕްލީ ބާގެއިން [ކުށަށް އިއުތިރާފްވުމުގެ] އެއްބަސްވުމުގެ ދަށުންނެވެ. މި ހުކުމާ އެކު އައީ އެންމެ ދެ މިލިއަން ރުފިޔާގެ ޖޫރިމަނާއެކެވެ. ބިލިއަނުން ޖޫރިމަނާކުރެވެން އޮއްވައި އެހާ ކުޑަ އަދަދަކުން ޖޫރިމަނާކުރި ސަބަބާ މެދު އޭރު ވެސް ގާނޫނީ ބޭފުޅުން ސުވާލު އުފެއްދެވި އެވެ.އެ ބޭފުޅުން އޭރު ވެސް ވިދާޅުވި ގޮތުގައި، މަނީ ލޯންޑްރިންގެ ގާނޫނުން، މަނީ ލޯންޑާކުރި އަދަދު ދައްކަން އަންގައި އޭގެ ފަސް ގުނައާ ހަމައަށް ޖޫރިމަނާކުރެވެން އޮއްވައި ކުޑަ އަދަދަކަށް އެއްބަސްވުމަކީ ދައުލަތަށް ފައިދާއެއް ނޫނެވެ.އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވެރިކަމުގެ ފަހު ދުވަސްވަރު އަދީބުގެ ޖަލު ހުކުމް އެންމެ ހަތަރު ދުވަހަށް ކުޑަކޮށް ދެއްވައިފަ އެވެ. އެހެންވެ، އެ ނިންމުމާ އެކު އަދީބު ވަނީ މިނިވަންވެފަ އެވެ.ސޯލިހް 2018ގައި ވެރިކަމަށް ވަޑައިގަތީ އެ ހިޔާނާތް ތަހުގީގުކޮށް ގެއްލުނު ފައިސާ ހޯދުމުގެ ވައުދަކާ އެކު އެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރު ނިމިގެންދިޔަ އިރު އެއިން އެންމެ ރުފިޔާއެއް ވެސް ދައުލަތަށް ހޯދިފައެއް ނުވެ އެވެ.އެ ވައުދު ނުފުއްދި، އެކަމުގައި އިސްކޮށް ތިބި މީހުންނަށް ސޯލިހް މައާފް ދެއްވުމާ ގުޅިގެން ބައެއް ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކުން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ. އަދި އާންމުންގެ ފާޑުކިޔުން ވެސް ސޯލިހަށް ވަނީ އަމާޒުވެފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު