ޚަބަރު
ގިނަ ބާރުތަކެއް ދިނުމަށްފަހު ފުޑް އެންޑް ޑްރަގް އޮތޯރިޓީ އުފައްދައިފި
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން "މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ" އަލުން މިއަދު އުފައްވައިފި އެވެ. 

މިކަން އިޢުލާނުކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ބަޔާނެއްގަ އެވެ.

މި އޮތޯރިޓީ ގާއިމުކުރެއްވުމާ ގުޅިގެން، މިހާތަނަށް މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުން އައި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ މިއަދުން ފެށިގެން ވަނީ އުވާލާފައެވެ.

ނަމަވެސް ދައުލަތުގެ އިދާރާތަކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ލިޔުއްވާ ސިޓީގައި ޖައްސަވަން ވާނީ، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންއައި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއަށް ހަމަޖައްސަވައިފައިވާ ނަންބަރު 182 ކަމަށް ރައީސް އޮފީހުން މިއަދު ވަނީ ބުނެފަ އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ނަމުގައި ވަކި އޮފީހެއް 15 ފެބްރުއަރީ 2006 ވަނަ ދުވަހު އުފައްދަވައި އެ އޮފީހަކީ މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގަމުންދާ ތަނެއް ކަމުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު އަބްދުލްގައްޔޫމު ވަނީ ހަމަޖައްސަވާފަ އެވެ.

މިއަދު އަމަލުކުރަން ފެށީ އާ ގާނޫނާ ބެހޭ މައުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް ވިދާޅުވީ އެމްއެފްޑީއޭ އިން މީގެ ކުރިން މަސައްކަތް ކުރަމުން ދިޔައީ ގާނޫނީ މާ ބޮޑު ބާރެއް އޮވެގެން ނޫން ކަމަށެވެ. ނަމަވެސް އާ ގާނޫނުގެ ދަށުން މޮނިޓާ ކުރުމާއި ގާނޫނާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އެ އޮތޯރިޓީ އަސް ބޮޑެތި ބާރުތަކެއް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެފްޑީއޭއަށް ހޮޓާތަކާއި ރެސްޓޯރަންޓުތައް އިންސްޕެކްޓްކުރުމުގެ ބާރު ދީފައި އޮތަސް، ގޭގައި ހަދައިގެން ފިހާރަތަކުގައި ވިއްކާ ކާބޯތަކެތީގެ ސާފުތާހިރުކަން ބެލުމުގެ ބާރެއް ނުލިބެ އެވެ. އާ ގާނޫނުގެ ދަށުން ހަދައި ގަވައިދުތަކާ އެކު ގެތަކުން ވެސް އަމިއްލަ އަށް ހަދައިގެން ތަކެތި ވިއްކޭނީ ހާއްސަ ހުއްދައެއް ނަގައިގެން ލޭބަލް ކޮށްގެންނެވެ. އެ ނޫން ގޮތަކަށް ތަކެތި ވިއްކަން ހުންނަ ފިހާރަތަކަށް ފިޔަވަޅު އެޅުމުގެ ބާރު މި ގާނޫނުން ލިބެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު