ޚަބަރު
ރާއްޖޭގައި އެމްޕޮކްސް ފެތުރުމުގެ ފުރުސަތު އޮތްތޯ ބަލަނީ
ސަރުކާރު މައި ހޮސްޕިޓަލް
އެމްޕޮކްސް އަކީ ޕަބްލިކް ހެލްތު އިމަޖެންސީއެއް ނުވަތަ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލެއްގެ ގޮޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗް އިން ރޭ އިއުލާނު ކުރުމާ އެކު، ރާއްޖޭގައި އެ ބަލި ފެތުރިދާނެތޯ ބެލުމަށް ރިސްކު އެސެސްމެންޓެއް ހަދަން ފަށާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

ރޭ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސަސް ވިދާޅުވީ އެފުރިކާގައި އެމްޕޮކްސް ހަލުއިކަމާއެކު ފެތުރެމުންދާތީ، އެ ބަލީގެ ސަބަބުން ދުނިޔެއަށް ނުރައްކަލެއް އޮތްކަމަށް ފެނިވަޑައިގަންނަވާތީ އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާނުކުރައްވާ ކަމަށެވެ. 

ކޮންގޯގައި ފެތުރެން ފެށި ބަކި މިހާރުވަނީ އެފުރިކާގެ ވަރަށް ގިނަ ގައުމުތަކަށް ފެތުރިފަ އެވެ. އަދި އެފުރިކާއިން އެހެން ބައްރުތަކަށް އެބަލި ފެތުރުމުގެ ފުރުސަތު ބޮޑުކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ލަފާކުރެ އެވެ. 

އެޗްޕީއޭ އިން މިއަދު "އެކްސް"ގައި ބުނީ، ރިސްކު އެސެސްމެންޓު ހަދާ ނިމުމުން އަޅަން ޖެހޭ ފިޔަވަޅުތައް އަންގަމުންދާނެ ކަމަށެވެ.

 

އެމްޕޮކްސް ނުވަތަ މަންކީ ޕޮކްސްގެ ވައިރަސް އިންސާނުންނަށް ވާސިލުވަނީ ބަލި ޖެހިފައިވާ ޖަނަވާރެއްގެ ފަރާތުންނެވެ. އިންސާނެއްގެ ހަށިގަނޑަށް މި ވައިރަސް ވަދެއްޖެ ނަމަ އެ ވައިރަސް ހުންނަ މީހެއްގެ ފަރާތުން އެހެން މީހުންނަށް ވެސް މި ވައިރަސް އަރައެވެ.

މި އަހަރުގެ މިހާތަނަށް އެފްރިކާގައި 17،000 އަށް ވުރެ ގިނަ ޝައްކު ކުރެވޭ އެމްޕޮކްސް ކޭސް ރިޕޯޓުކޮށްފައިވާއިރު، އެ ބަލީގައި 517 މީހުން ވަނީ މަރުވެފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 160 އިންސައްތަ އިތުރު އަދަދެއް ކަމަށް އެފްރިކާ ސެންޓާސް ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ބުނެއެވެ.

އެ ބަލި ހަލުއިކަމާއެކު އެފްރިކާގައި ފެތުރެމުންދާތީ، އެ ސަރަހައްދުގައި މި ހަފުތާ ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު