ޚަބަރު
ސިއްހީ ދާއިރާއާ ގުޅޭ 300 މިލިއަން ރުފިޔާ އެސްޓީއޯއަށް ނުދީ ވޭ: ހަލީލް
ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް
މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ސިއްހީ ދާއިރާގެ އެކި ކަންކަމަށް ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން (އެސްޓީއޯ) އަށް ނުދައްކާ 300 މިލިއަން ރުފިޔާ އޮތް ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހަލީލް ވިދާޅުވީ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން މެޑިކަލް ކޮންސިއުމަބަލްސް ހުސްވުމަކީ އަބަދުވެސް ދިމާވާ ކަމެއް ކަމަށެވެ. ނަމަވެސް މެޑިކަލް ކޮންސިއުމަބަލްސް ހުސްނުވެ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރުގައި އެސްޓީއޯއަށް ދައްކަންޖެހޭ ގާތްގަނޑަކަށް 300 އެއްހާ މިލިއަން ރުފިޔާ އޮތް، ކޮންސިއުމަބަލްސް، ރިއެޖެންސްޓްސް އަދިވެސް އެހެން ސިއްހީ ދާއިރާއާ ގުޅުންހުރި ބައެއް ހަރަދުތަކުގެ،" ހަލީލް ވިދާޅުވި އެވެ. 

އެހެންނަމަވެސް ބޮޑުބައެއް މިހާރު ދައްކާފައިވާ ކަމަށް ހަލީލް ވިދާޅުވި އެވެ. ނަމަވެސް ދެއްކި އަދަދުތަކުގެ ތަފްސީލެއް ހާމައެއް ނުކުރައްވަ އެވެ. ހަލީލް ވިދާޅުވީ އެ ފައިސާ ދެއްކުމުގެ ސަބަބުން ވެސް އެސްޓީއޯއިން ފޮރުކޮށްދޭ ކޮންސިއުމަބަލްސް ފޮރުކޮށްދޭން މިހާރު ފަސޭހަވާނެ ކަމަށެވެ.

ހަމައެއާއެކު އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ޚާއްސަ ސޮފްޓްވެއާއެއް ޑެވަލޮޕް ކުރަމުން އަންނަ ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ. އެ ސޮފްޓްވެއާގެ ސަބަބުން ހޮސްޕިޓަލްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް މަދުވަނީ ކޮން އެއްޗެއްތޯއާއި ނެތީ ކޮން އެއްޗެއްތޯ ދެނެގަނެވޭނެ ކަމަށް ހަލީލް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ 100 އާ ގާތްކުރާ ހޮސްޕިޓަލްތަކުގައި ޑޮކްޓަރުންނާއި ނަރުހުން ވެސް މަދު ކަމަށެވެ. އެތަންތަނުގައި ބޭނުން ކުރަމުން ދިޔަ ކަތުރުތަކުގައި ވެސް ހުރީ ދަބަރު ޖަހާފައިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ވަރަށް ބޮޑަށް އަޅާލުން ކުޑަކޮށް މިހާ ރައްޔިތުންނާ ގާތުން ހިދުމަތްދޭ މުހިންމު ހިދުމަތެއް ދޫކޮށްލެވިފަ އޮތްކަން އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮންމެ ސަރުކާރެއް އޮތަސް ސިއްހީ ހިދުމަތުން ރައްޔިތުން މަހުރޫމު ވެގެން ނުވާނެ ކަމަށާއި، އެކަން ކުރެވޭނީ މި ހިދުމަތަށް އަޅާލައި ޑޮކްޓަރުންނާއި ނަރުހުން ބައިތިއްބައި، ޒަމާނަށް ފެތޭނެ ފެސިލިޓީތަކެއް ގާއިމް ކޮށްދީގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު