ވިޔަފާރި
އަންނަ ބުރާސްފަތި ދުވަހު ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަންކަރިންގެ ހިދުމަތް ފަށަނީ
އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ދޭން ބޭނުން ކުރާނެ ބޯޓެއް
އަންނަ ބުރާސްފަތި ދުވަހު ކަސްޓަމަރުންނާ އެކު އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށޭނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހީމް ރޭ ވިދާޅުވެއްޖެ އެވެ.

އިހަވަންދިއްޕޮޅުގައި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ހިމެނޭ ގޮތަށް މެރިޓައިމް އަދި އޯޕީއެލް (އޮފް ޕޯޓް ލިމިޓްސް) ސާވިސަސް ފޯރުކޮށްދިނުމުގެ މަސައްކަތް މި މަހު ފަށާނެކަން ސަރުކާރުން ވަނީ މީގެ ކުރިން އިއުލާން ކޮށްފަ އެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވީ، އުތުރުގައި ބަންކަރިން ހިދުމަތް މިމަހު 19 ވަނަ ދުވަހު ފެށުމަށް ޓަކައި ވާންޖެހޭ ފަހު ތައްޔާރީތައް ވަމުންދާ ކަމަށާއި އެ ހިދުމަތް ފެށުމަށް އެމްޕީއެލުން މެރިޓައިމް 14 ހިދުމަތެއް ބޯޓުތަކަށް ފޯރުކޮށްދޭނެ ކަމަށެވެ. 

އެގޮތުން ޕައިލެޓޭޖާއި ކްރޫ ބަދަލުކުރުމާއި ކާބޯތަކެތި ފޯރުކޮށްދިނުމާއި މެއިންޓަނަންސް ހިދުމަތް އަދި ޓަގް ހިދުމަތް ފަދަ ހިދުމަތްތައް އެމްޕީއެލުން ފޯރުކޮށްދޭން ވަނީ ނިންމާފަ އެވެ.

  - އިތުރަށް ކިޔާލަން: އިހަވަންދިއްޕޮޅު ބަންކަރިން ހިދުމަތުން ހޯރަފުށި ދާއިރާގެ ރައްޔިތުންނަށް އާ ޒަމާނެއްގެ ނިޝާން

މި މަޝްރޫއުގެ ދެވަނަ ފިޔަވައްސެއްގެ ގޮތުގައި އިހަވަންދިއްޕޮޅުގައި އޮއިލް ޓާމިނަލާއި އޮއިލް ޓޭންކުތައް ގާއިމުކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ވަޖީހު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ވަޖީހު ވިދާޅުވީ އުތުރަށް ދަތުރުކުރާ ބޯޓުފަހަރަށް ބޭނުންވާ ޑީޕް ސީ މެއިންޓަނެންސަށް ހާއްސަ ޓަރމިނަލެއް ހއ. އިހަވަންދޫގައި ގާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެ ރަށުގައި ބޯޓުތަކަށް ޚިދުމަތް ދިނުމަށް ޑޮކްޔާޑެއްވެސް ގާއިމުކުރުމަށް ނިންމާފައިވާކަމަށްވެސް ވަޖީހު ވިދާޅުވިއެވެ.

މީގެ އިތުރުން ހއ. އުލިގަމަކީ ގިނަ އަދަދެއްގެ ޔޮޓުތަކެއްދާ ރަށަކަށްވާތީ އެ ރަށުގައި ޔޮޓު މެރީނާއެއް ޤާއިމުކުރުމަށް ތައްޔާރުވަމުންދާކަމަށްވެސް ވަޖީހު ވިދާޅުވި އެވެ. އެ ޔޮޓު މެރީނާ ހެދުމަށް ހަ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި އިހަވަންދިއްޕޮޅުގައި ކްރޫޒް ޓަރމިނަލެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށްވެސް އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް ވިދާޅުވި އެވެ. 

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ދޭން ދެ ބޯޓެއް ބޭނުންކުރާނެއެވެ. އެއީ، "މެރިން އޭޖަލް" އަދި "މެރިން ބެލާ" ކިޔާ ދެ ބޯޓެކެވެ. ދެ ބޯޓު ވެސް މިހާރު އޮތީ އިހަވަންދިއްޕޮޅުގަ އެވެ.

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފަށަން އެސްޓީއޯއިން ވިޓޯލާ އެކު އެމްޔޫއޯއެއްގައި ސޮއިކުރީ މާޗު 13ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު