ކުޑަހުވަދޫގައި ސްމާޓް މީޓަރު ހަރުކޮށް، ހިދުމަތް ދޭން ފަށައިފި
އަލީ ރާޒީ
28 އޯގަސްޓް 2024 - 11:04
0 comments
އެންވަޔަރުމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް އަދި ފެނަކައިގެ އެމްޑީ މުއާޒު
ކަރަންޓް ބިލް ބޮޑުވާ މައްސަލަ އަށް ހައްލެއް ގެނައުމަށް ފެނަކައިން ދ. ކުޑަހުވަދޫގައި ފެށި ސްމާޓް މީޓަރު ހަރުކުރުމުގެ ޕްރޮޖެކްޓު ނިންމައި ރޭ އިފުތިތާހުކޮށްފި އެވެ.ފެނަކައިން ބުނީ، މިއީ ޓެކްނޮލޮޖީގެ އެހީގައި ލިބޭ ކުރިއެރުންތަކުގެ ލުއި ފަސޭހަތައް، ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމުގެ މަޤުސަދުގައި ކުރިއަށް ގެންދާ ޕްރޮޖެކްޓެއް ކަމަށެވެ.ކުޑަހުވަދޫގައި މި ހިދުމަތް ފަށަން ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެންވަޔަރުމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމެވެ.ރަސްމިއްޔާތުގައި ރޭ ތޯރިގް ވިދާޅުވީ، ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ ހުރިހާ ގެތަކެއްގައި އަދި ވިޔަފާރިކުރާ ތަންތަނެއްގައި ސްމާޓް މީޓަރު ހަރުކުރާނެ ކަމަށެވެ."ސްމާޓް މީޓަރުން އެ ދުވަހެއްގައި ކަރަންޓު ބޭނުން ކުރެވުނު މިންވަރު އެނގިގެން ދާނެ. އަދި ކުރިއަށް އޮތް ތަނުގައި ގަޑިއިރަކު ބޭނުން ކުރަނީ ކިހާ ކަރަންޓެއްކަން ވެސް އެނގިގެންދާނެ،" އޭނާ ވިދާޅުވި އެވެ."އާ މެނޭޖްމަންޓާއެކު ފެނަކައިން އަމާޒު ހިފާފައިވަނީ ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި ރާއްޖޭގައި ފެނަކައިން ހިދުމަތްދޭ ހުރިހާ ރަށެއްގައި ބޭނުންކުރާ ހުރިހާ މީޓަރެއް ސްމާޓް މީޓަރަށް ބަދަލުކޮށް، ފެނަކައިން ދޭ ހިދުމަތްތަކަށް އޮތް ރައްޔިތުންގެ އިތުބާރާއި ޔަގީންކަން އިތުރަށް ކަށަވަރު ކުރުމަށް،" އެ ކުންފުނިން ބުންޏެވެ. ފެނަކައިން ބުނި ގޮތުގައި ސްމާޓް މީޓަރު ޕްރޮޖެކްޓް ފެނަކައިން ފެށީ 2022 ވަނަ އަހަރު ނަމަވެސް އޭރު ކުންފުނީގެ މެނޭޖްމަންޓުން އެ މަޝްރޫއު ހިންގަން އެ ކަށީގެންވާ އެއްބާރުލުމެއް ދީފައެއް ނުވެ އެވެ. އެހެންވެ، އެ މަޝްރޫއު އޮތީ ހުއްޓިފަ އެވެ. އެހެން ނަމަވެސް މިހާރުގެ މެނޭޖްމަންޓުން އަލުން އެ މަޝްރޫއު ކުރިއަށް ގެންދަން ނިންމައި މަސައްކަތްތައް ބާރަށް ފަށާފައިވާ ކަމަށް ފެނަކައިން ބުންޏެވެ.
ކިޔުންތެރިންގެ ޝުއޫރު