ޚަބަރު
ރާއްޖެ-ތުރުކީގެ މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލައިފި
ރާއްޖެ އާއި ތުރުކީގެ ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) ގެ އެއްބަސްވުން ދިވެހި ސަރުކާރުން މިހާރު އެކުލަވާލާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

މިކަމާ ގުޅުވައި ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި މިނިސްޓަރު ސައީދު ވިދާޅުވީ، ތުރުކީއާއެކު ސަރުކާރުން ހަދަނީ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓެއް ކަމަށާއި އެގްރީމަންޓުގެ މަސައްކަތް ނިންމާލެވުނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ދެން އޮންނާނީ އެ ގައުމުގެ ގާނޫނޫ ހަދާ މަޖިލީހަށް އެއްބަސްވުން ހުށަހަޅައި ފާސްކުރުން ކަމަށާއި އޭގެފަހުން ދެ ގައުމުން އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށެވެ.

ބައެއް ގައުމުތަކުގެ ބޯޓުތަކުން ދާ އަޅައިގެން ބާނާ މަސް ޕްރޮސެސް ކުރުމުގެ މަސައްކަތް ތުރުކީގައި ހިންގާއިރު، މިބާވަތްތައް ޔޫރަޕް ސަރަހައްދުގެ ޤައުމުތަކަށް ބޭރުކުރުމުގައި ޓެރިފް ކަނޑާލުމާއި ދެކޮޅު ގިނަ ބަޔަކު ތިބިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ތުރުކީގައިވެސް އެފަދަ ފަރާތްތަކެއް ތިބިއިރު މިއީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ސަރުކާރުން ވަނީ ފާހަގަކުރައްވާފަ އެވެ. 

ސައީދު ވިދާޅުވީ، ޔޫރަޕްގެ ގައުތަކުގައި ބާނާ މަސް ޕްރޮސެސް ކުރުން އެންމެ ގަދަ އަށް ކުރިއަށް ގެންދަނީ ވެސް ތުރުކީގައި ކަމަށާއި އެހެންވެ ތުރުކީގެ "ލޮބީ" ކުރުން ވަރުގަދަ ކަމަށެވެ.

ރާއްޖެ އިން މިހާރު ނިންމާފައި ވަނީ ޗައިނާއާ އެކު 2018 ގައި އެއްބަސްވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ވެސް އަމަލު ކުރުމަށެވެ. މިހާރު ދެ ގައުމުން އެއްބަސްވެފައި ވަނީ ކަސްޓަމްސް ނުވަތަ ބޯޑަރުގައި މަސައްކަތްކުރާ މީހުން ހޭލުންތެރި ކުރުމުގެ މަސައްކަތް މި ދެ މަސް ދުވަހު ކުރިއަށް ގެންދާށެވެ.

"ޗައިނާ އާއި ރާއްޖެއާ ދެމެދު މިހާރު މިނިވަން ވިޔަފާރީގެ އެއްބަސްވުން ދެ ގައުމުން ބޭނުންވާ ކޮންމެ ދުވަހަކު ވެސް [އިފެކްޓިވް] ކުރެވޭނެ. ގާނޫނީ އަދި ޓެކްނިކަލް އެއްވެސް ހުރަހެއް ނެތް،" ސައީދު ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ އޭޕްރީލް 25ގައި ވަނީ ތުރުކީއާއި ރާއްޖެއާ ދެމެދު ގާއިމްކުރާ މިނިވަން ވިޔަފާރި އެއްބަސްވުމުގެ ދަށުން ސުން ޕަސެންޓު ރޭޓުގައި 214 ބާވަތެއް ރާއްޖެއިން އެ ގައުމަށް އެކްސްޕޯޓުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަޝްވަރާކޮށްފަ އެވެ. އޭގެތެރެއިން 38 އައިޓަމަކުން އެއްކޮށް ޑިއުޓީ ކަނޑާލަން އެދުނު ކަމަށް ވިދާޅުވި އެވެ. މި އައިޓަމްތަކަކީ ތުރުކީން ވެސް ޑިއުޓީ ކަނޑަން އެދުނު އައިޓަމްތައް ކަމަށް ވިދާޅުވި އެވެ. 

ތުރުކީއަކީ ރައީސް ވެރިކަމަށް ވަޑައިގަތުމަށްފަހު ރަސްމީ ފުރަތަމަ ދަތުރުފުޅު ކުރެއްވި ގައުމެވެ. ދެ ގައުމުގެ ގުޅުން މިހާރު ވަރަށް ބޮޑަށް ވަނީ ބަދަހިވެފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު