ވިޔަފާރި
ހުޅުމާލޭގައި 10،000 ޓަނުގެ ފެން ރައްކާކުރެވޭ ތާނގީއެއް ބަހައްޓަނީ
އެމްޑަބްލިއުއެސްސީން 10،000 ޓަނުގެ ފެން ރައްކާ ކުރެވޭނެ ތާނގީ ހެދުމުގެ އަމަލީ މަސައްކަތް ފެށުން
މާލެ ވޯޓަ އެންޑް ސްވަރޭޖް ކަމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ "ވޯޓަ ސެކިއުރިޓީ ޕްލޭން"ގެ ދަށުން ހުޅުމާލޭގައި 10،000 ޓަނުގެ ފެން ރައްކާކުރެވޭ ތާންގީއެއް ބެހެއްޓުމުގެ މަސައްކަތް ފަށައިފި އެވެ.

އަންނަ އަހަރުގެ ފެބްރުއަރީ މަހަށް ނިންމަން ތާވަލުކޮށްފައިވާ އެ މަޝްރޫއަށް 34 މިލިއަން ރުފިޔާ ހަރަދު ކުރާނެ އެވެ.

ހުޅުމާލޭގައި ހުންނަ އެމްޑަބްލިއުއެސްސީގެ އޮޕަރޭޝަން ސެންޓަރުގައި ހަދާ މި ތާނގީގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީނެވެ.

އެމްޑަބްލިއުއެސްސީގެ މުވައްޒަފުން އަމިއްލައަށް ރާވާ، ބަހައްޓާ 10،000 ޓަނުގެ މި ތާންގީއަކީ މިހާތަނަށް އެ ކުންފުނިން ބަހައްޓާ އެންމެ ބޮޑު ތާންގީ އެވެ.

މި ތާންގީގެ މަސައްކަތްތައް ނިމުމާ އެކު ހުޅުމާލޭގައި ފެން ރައްކާކުރެވޭ މިންވަރު 22،600 ޓަނަށް އިތުރުކުރެވޭނެ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުންޏެވެ.

އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ ނިޔަލަށް ނިންމުމަށް ތާވަލުކޮށްފައިވާ މި މަޝްރޫއަށް 34.7 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މި މަޝްރޫއުގެ ސަބަބުން ހުޅުމާލޭގައި ފެން ރައްކާ ކުރެވޭ މިންވަރު އިތުރުކުރެވި މެދުކެނޑުމެއް ނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށްވެސް އެމްޑަބްލިއުއެސްސީ އިން ބުންޏެވެ.

"އަޅުގަނޑުމެން ވާނީ ފެން އުފައްދާ މިންވަރު އިތުރު ކުރުމަށް އާރްއޯ ޕްލާންޓު ބެހެއްޓުމުގެ މަސައްކަތް ފަށާފައި. އަޅުގަނޑުމެންގެ އަމާޒަކީ ފެނުގެ ސެކިއުރިޓީ ކަށަވަރު ކުރުމަށް ހުރި ގޮންޖެހުންތައް ހުރަސްކޮށް މި ހިދުމަތްތައް ފުރިހަމައަށް ފޯރުކޮށްދިނުން،" އޭނާ ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު މުއްތަލިބު ވެސް ވަނީ މިފަދަ ތާނގީއެއްގެ މުހިންމުކަން ފާހަގަ ކުރައްވައިފަ އެވެ.

"އަޅުގަނޑުމެންނަކީ ކަރަންޓު ބޭނުންކޮށްގެން ފެން އުފައްދާ ބަޔަކަށް ވާއިރު، ދިމާވެދާނެ ކުއްލި ހާދިސާއަކަށް ފެން ރައްކާކޮށްފައި ބެހެއްޓޭނެ އިންތިޒާމެއް ހުރުމަކީ ވަރަށް މުހިންމު ކަމެއް. އަދި މިއީ އަސާސީ ހިދުމަތެއް ކަށަވަރު ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް،" މިނިސްޓަރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު